ބ. އަތޮޅު ތައުލީމީ މަރުކަޒުން އެއް ވަނަ ހަނާ އާއި އަސްމާ އަށް

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރުގެ ސެކަންޑަރީ ބައިން ހަނާ ހަމްދީ އަދި ހަޔަ ސެކަންޑްރީ ބައިން އަސްމާ އިބްރާހީމް ރަޝީދު އެއް ވަނަ ހޯދައިފި އެވެ.

ހަނާ އަކީ އޯ ލެވެލް އިމްތިހާނުން ގައުމީ ގަދަ ދިހައަކުން 3 ވަނަ ހޯދި ދަރިވަރެކެވެ. އަސްމާ ވަނީ މި އަހަރު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިފަ އެވެ.

މި ދަރިވަރުންނަށް އިނާމު ހަވާލު ކޮށްދެއްވީ ރޭގެ ހަފުލާގެ ޝަރަފުވެރި މެހެމާން، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއީލް އެވެ.

ތައުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން އިބްރާހީމް އިސްމާއީލް ވިދާޅުވީ ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި ފެންވަރު ރަނގަޅު ސްކޫލެއް ކަމަށާއި ކިޔެވުމާއި އިތުރު ހަރަކާތްތައް ދަސްކޮށްދިނުމުގައި ވެސް ފެންވަރު ރަނގަޅު ސްކޫލެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުން ސްކޫލު ނިމި މުޖުތަމައަށް ނުކުންނަ އިރު، މުޖުތަމައަށް ބޭނުންތެރި ފައިދާ ހުރި ބަޔަކަށް ހެދޭނީ ކިޔެވުމުގެ އިތުރުން ސްކޫލުން ރާވައި ހިންގާ އިތުރު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވެގެންނެވެ. އަދި އެއްވެސް ކުއްޖަކު ބާކީ ނުކޮށް ގިނަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

“ދަރިވަރުންގެ ހުނަރުވެރިކަން ކުރިއެރުވުމަށް ހުރި ރޮނގުތައް ފާހަގަކޮށް އެ ރޮނގުތަކުން ކުރިއަށް ދިއުމުގެ މަގު މިހާރު މިވަނީ ފަހިވެފައި. ތިމަން ކިޔެވުމަށް މާ ދެރައޭ، މިކަމެއް ނުވާނެ އޭ، ނޭނގެއޭ ބުނުމުގެ ފުރުސަތެއް ނެތް މިހާރަކު. މިއޮތީ ފަހި ފުރުސަތުތައް ދަރިވަރުންގެ އަތްމަތީގައި. ދޫކޮށްނުލާ ބޭނުން ކުރުމަށް އިލްތިމާސްކުރަން،” އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީޢު ވިދާޅުވީ ޓެކްނޮލޮޖީގެ މި ޒަމާނުގައި ދުރުންނާއި ގާތުން އަންނަ އަދި ފެންނަ ކަންތައްތަކަށް ލޯ ހުޅުވި ސަމާލުކަން ދެވިފައިވާ ކުދި ބަޔަކަށް ދަރިވަރުން ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ޓެކްނޮލޮޖީ ބޭނުން ކުރުމުގައި އިންތަކާއި މިންތައް ފަހަނައަޅައި ނުދިއުމަށް ދަރިވަރުންނަށް ޕްރިންސިޕަލް ނަސޭހަތްތެރިވި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު 52 ދަރިވަރަކު އޯ ލެވެލް އިމްތިހާނު ހެދި އެވެ. އޭގެ ތެރެއިން 73 ޕަސެންޓް ދަރިވަރުން 5 މާއްދާ އިން ފާސް ހޯދައި، 5 ދަރިވަރަކު ވަނީ ގައުމީ ގަދަ 10ގައި ވެސް ހިމެނިފަ އެވެ. އަދި އޭ ލެވެލް ގައުމީ ގަދަ ދިހައެއްގައި އެ ސްކޫލުގެ 11 ދަރިވަރުން ހިމެނުނުއިރު އެއް ދަރިވަރަކު ވަނީ ދުނިޔޭގެ ގަދަ ދިހައެއްގެ އެއްވަނައިގައި ވެސް ހިމެނިފަ އެވެ.

ރޭގެ ހަފުލާގައި ވަނީ ވަނަތައް ހާސިލްކުރި ގްރޭޑް 8-12ގެ 67 ދަރިވަރަކަށް އިނާމު ހަވާލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.