ވަގުތީ ކެންޓީނު ހިންގުމަކީ ރަށު އޮފީހުން ހުއްދަ ނަގަން ޖެހޭ ކަމެއް: އޭދަފުށީ އޮފީސް

އެކިއެކި މުނާސަބަތާ ގުޅިގެން ތަފާތު ޕްރޮގްރާމުތައް ބާއްވާ ތަންތަނުގައި އެ މުނާސަބަތެއް އިންތިޒާމު ކުރާ ފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ވަކިވަކި ފަރާތަކުން ވަގުތީ ކެންޓީނު ހިންގުމުގެ ކުރިން އޭދަފުށީ އޮފީހުން ހުއްދަ ނަގަން ޖެހޭ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ވަގުތީ ކެންޓީނު ހިންގުމާއި ބެހޭ ގޮތުން އޭދަފުށީ އޮފީހުން އިއްޔެ ނެރުނު އިއުލާނެއްގައިވާ ގޮތުގައި ވަގުތީ ކެންޓީނުތައް ހިންގުމުގެ ހުއްދަ ދޫކުރެވެނީ 7 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ. އަދި މި ފަދަ ހުއްދަތަކަށް ވިޔަފާރި ކުލީގެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެ އެވެ.

ވަގުތީ ކެންޓީނު ހިންގުމުގެ ހުއްދަ ހޯއްދެވުމަށް އޭދަފުށީ އޮފީހަށް ހުށަހަޅުއްވާއިރު، މުނާސަބަތު ފާހަގަ ކުރާ ރަސްމިއްޔާތުގެ ނަމާއި، އިންތިޒާމު ކުރާ ފަރާތުގެ ނަމާއި އެޑްރެސް އަދި ކެންޓީނު ހިންގާ ފަރާތުގެ ނަމާއި އެޑްރެސް، އައިޑެންޓިޓީ ކާޑް ނަންބަރު (ކުންފުނި ޕާޓްނަޝިޕް ޖަމާއަތް ފަދަ ތަނެއް ނަމަ، އެ ތަނެއްގެ ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިވާ ނަމަ ރަޖިސްޓްރީ ނަންބަރު) ގެ އިތުރުން ކެންޓީނު ފަށާ ތާރީހާއި ނިންމާ ތާރީޚާ އެކު ހުށަހެޅުމުން ވަގުތީ ކެންޓީނު ހިންގުމުގެ ހުއްދަ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭދަފުށީ ކައުންސިލަރު ސޮއިކުރައްވާ އޭދަފުށީ އޮފީހުން ނެރުނު އިއުލާނުގައި ވެ އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓްގައިވާ، އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާ ބެހޭ ގާނުނު ނަންބަރު 78/60 ގައިވާ ގޮތުން ސައިހޮޓަލާއި ކެންޓީނު ވެސް ހިންގަން ވާނީ އެ ތަނެއް މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރުގައި ރަޖިސްޓްރީ ކުރުވައި ހުއްދަ ހޯދުމަށް ފަހުގަ އެވެ. އެހެން ނަމަވެސް އެކިއެކި މުނާސަބަތުގައި 7 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހުޅުވާ ކެންޓީން ގާނޫނު ބުނާ ގޮތުން މީގެ ތެރެއަކު ނުހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.