ކުނި މެނޭޖުކުރުމުގެ ސަރަހައްދީ މަހާސިންތާ ފަށައިފި


ކުނި މެނޭޖު ކުރުމާ ބެހޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން މި ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު މަހާސިންތާ އޭދަފުށީގައި މިއަދު ފަށައިފި އެވެ.

ރާއްޖޭގެ ރަށްތައް ރީތިކޮށް ސާފުކޮށް ބެލެހެއްޓުމަށް އެންވަޔަރްމަންޓް މިނިސްޓްރީން ފަށާފައިވާ “ސާފު ރާއްޖެ” ކެމްޕެއިންގެ ދަށުން މިރަށުގައި ދެ ދުވަހަށް ބާއްވާ މި މަހާސިންތާގައި ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްރަށުން 100އެއްހާ މަންދޫބުން ބައިވެރިވެ އެވެ.

މަހާސިންތާގައި މިއިން ކޮންމެ ރަށަކުން ދެ މަންދޫބުން ބައިވެރިވެ އެވެ. އެއީ ކައުންސިލަރުންގެ ތެރެއިން ކުނީގެ މައްސަލަތަކުގައި އުޅޭ ކައުންސިލަރަކާއި އިދާރީ މުވައްޒަފެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މަހާސިންތާގެ ބައިވެރިންނަށް ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ޕޮލިސީގެ މައުލޫމާތާއި ގާނޫގެ ޑްރާފުޓް ހިއްސާކުރާނެ އެވެ. އަދި މި ސަރަހައްދުގެ ރަށްތަކުގައި ކުނި މެނޭޖް ކުރާ ގޮތާއި އެކަމުގެ މައުލޫމާތު ވެސް ބައިވެރިންނަށް ހިއްސާ ކުރާނެ އެވެ.

މީގެ އިތުރުން ވެމްކޯ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި ރަށު ކައުންސިލުތަކާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ފަހުމުނާމާގެ މުހިއްމު ނުކުތާތަކާމެދު މަޝްވަރާކުރުން ހިމެނެ އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ސާފު ރާއްޖެ ކެމްޕެއިން ފެށީ މިދިޔަ އަހަރުއެވެ. އެ ކެމްޕެއިންގައި ރަށްރަށުގެ ކައުންސިލުތަކާއި ސްކައުޓާއި ގާލްގައިޑާއި ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތު ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބައިވެރިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.