ވަންދޫ ކުނި މެނޭޖުކުރާ ސެންޓަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

އުތުރު ސަރަހައްދުގެ ނ. ރ، ބ އަދި ޅ. އަތޮޅުގެ ރަށްރަށުގައި އުފެދޭ ކުނި، ނައްތާލުމަށް ރ ވަންދޫގައި ޤާއިމްކޮށްފައިވާ ކުނި މެނޭޖުކުރުމުގެ މައި މަރުކަޒުގެ މަސައްކަތް ފެށުމަށް ބޭނުންވާ އިކުއިޕްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

އެނަވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ޒޯންގައި ހިމެނޭ 44 ރަށުގައި ރަށުފެންވަރުގައި ކުނި މެނޭޖުކުރުމަށް އަޅާ ކުނި ކޮށިތަކުގެ މަސައްކަތް ނިމިފައިވާއިރު، އެކަމަށް ބޭނުންވާ ވަސީލަތްތައްވެސް މިހާރު ރަށްރަށަށް ފޯރުކޮށްދެމުން އަންނަކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ވެމްކޯއިން މިހާރުވަނީ ރަށު ފެންވަރުގައި ނައްތާލާ ކުނިން ބާކީވާ މިންވަރު، ރީޖަނަލް ވޭސްޓް ސެންޓަރަށް ގެންގޮސް ނައްތާލުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ވެފައެވެ. އެގޮތުން ކުނި ނައްތާލާ މެޝިންތަކުގެ ޓެސްޓް ރަންތައް ކުރުމާއި، އެކަމަށް ބޭނުންވާ ކަނޑު އުޅަނދުތައްވެސް މިހާރު ލިބިފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު ވިދާޅުވީ ގިނަ ރަށްރަށަށް ދިމާވަނީ، މަސައްކަތް އަލަށް ފަށައިގަތުމުގައި ދިމާވާ މައްސަލަތައް ކަމަށެވެ.

ރަށްރަށުގެ ކައުންސިލްތަކުން ފާހަގަކުރާ ގޮތުގައި، އެ ރަށްރަށުގައި ކުނި މެނޭޖްކުރަން ފެށުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އެކަމަށް ބޭނުންވާ އުޅަނދުތައް ނެތުމާއި ބަޖެޓު ލިބުމުގައި ދިމާވާ ދަތިތަކެވެ.

އޭދަފުށީގައި ރޭ ނިމުނު ސާފުރާއްޖެ މަހާސިންތާގައި މިކަންކަން ޙައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލްތަކާއި، މިނިސްޓްރީއާއި ގުޅިގެން ވަނީ މަޝްވަރާ ކޮށްފަ އެވެ.

ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ ޕްލޭންގެ ދަށުން ވަންދޫ އަށް އުފުލާނީ ދަގަނޑާއި ބިއްލޫރިފަދަ ރަށު ފެންވަރުގައި ނައްތާލުމަށް ދަތިވާ ކުންޏެވެ. އަދި ރަށްރަށުގައި ކާދު ހެދުމަށްފަހު ބާކީވާ ބަޔޯޑިގްރޭޑަބަލް ކުނިވެސް އެ ސެންޓަރަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.