ބ. އަތޮޅު ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މިމަހު ފަހުކޮޅު ބާއްވާ ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓް ޖަމިއްޔާއިން އިތުރުކޮށްފި އެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި އަތޮޅު ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު މިމަހު 15 ގެ ނިޔަލަށް އޮންނާނެ އެވެ.

މުއްދަތު އިތުރުކުރީ އެ ޖަމިއްޔާއިން ބުނިގޮތުގައި ކުރިން ދިން މުއްދަތުގެ ތެރޭގައި އެކަށީގެންވާ އަދަދަށް ޓީމުތައް ބައިވެރިވެފައި ނުވާތީ އެވެ. އަދި މުއްދަތު ހަމަވިއިރު، ބައެއް ރަށްރަށުން މުބާރާތުގައި ބައިވެރިވުމާމެދު ނިންމަންޖެހޭ ކަންކަން ނުނިމިވާތީ، އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވެސް އެ ޖަމިއްޔާއިން ބުނެ އެވެ.

އަތޮޅު ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރިއިރު، މި މުބާރާތުގެ އިންތިޒާމްތަކާ މެދު ހިތްހަމަނުޖެހިގެން މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ އާއި ކިހާދޫން މުބާރާތުގައި މިއަހަރު ވާދަ ނުކުރަން ވަނީ ނިންމައިފަ އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެނގިފައިވާ ގޮތުގައި މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އޭދަފުއްޓާ ފެހެންދޫން އެކަންޏެވެ.

2012 ވަނަ އަހަރު ފެށި ބ. އެޓޯލް ފުޓްބޯލް ޗެލެންޖަކީ ބ. އަތޮޅުގެ ކުޅުންތެރިންނަށް ފަސްޓް ޑިވިޝަނުން ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި އޭދަފުއްޓަށް އުފަން ގައުމީ ފުޓްބޯޅަ ލެޖެންޑް މުހައްމަދު ޖަމީލް (ޖަމްބޭ) އިސްވެހުރެ ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން އަންނަނީ ފާހަގަކުރެވެމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ކައުންސެލަރު

    ނެތްތިކަންވާކަށް! ސޮރީ.
    މީގެފަހުން ދެން އަހަރެމެން ބައިވެރިވާނީ ދޮންފަނު އިންވިޓޭޝަން ކަޕްގައި.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.