ސައްޓުއަށް ގައުމީ ޓީމުން ޖާގައެއް ހައްގުވާ 3 ސަބަބު

ފޮޓޯ: ދިވެހި ޕްރިމިއަރ ލީގު

އެއީ ފުޓްބޯޅައަށް ލޯބިކުރާ އޭދަފުށީގެ ވަރަށް ގިނަ ބަޔަކު ކުރާ އުއްމީދެކެވެ. މިފަހަކަށް އައިސް ގައުމީ ސްކޮޑް އިޢުލާން ކުރާ ކޮންމެ ފަހަރަކު ސައްޓުގެ ނަން އޮވޭތޯ އެމީހުން ބަލައެވެ. މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގް ފެށިފަހުން އެކުލަވާލި އެއްވެސް ސްކޮޑެއްގައި ސައްޓުގެ ނަން ހިނެނިފައި ނުވިއަސް އެމީހުން އުއްމީދު ކަނޑައެއް ނުލައެވެ. ގައުމީ ޓީމުގެ ޖޯޒީގައި ސައްޓު ކުޅޭތަން ބަލާލަން އެމީހުން ތިބީ އެހާވެސް ކެތްމަދުވެފައެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ސައްޓުއަށް ގައުމީ ޓީމުން ޖާގައެއް މާ ބޮޑަށްވެސް ހައްގެވެ. ސަބަބުތައް މިހިރީ އެވެ.

1-ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އައުން

ގައުމީ ސްކޮޑަށް ކުޅުންތެރިން ނަގާ ގޮތާމެދު ސުވާލު އުފައްދާ ފަރާތްތަކަށް ގައުމީ ޓީމުގެ މިހާރުގެ ކޯޗް ސްޓުވާޑް އާންމުކޮށް ދޭ އެއް ޖަވާބެއް އޮވެއެވެ. ކޯޗް ބުނާ ގޮތުގައި އެއިރަކު އެކުލަވާލާ ގައުމީ ސްކޮޑަކަށް ކުޅުންތެރިން ނަގަނީ އެވަގުތެއްގައި ކުޅުންތެރިން ދައްކާ ކުޅުމަށް ބަލައިގެންނެވެ. މާނައަކީ އެންމެ ފަހުން އެކުލަވާލި ދެ ސްކޮޑަށްވެސް ކުޅުންތެރިން ނެގީ ކޯޗް ބުނާގޮތުންނަމަ ދިވެހި ޕްރިމިއަރ ލީގުގައި ދައްކަމުންއައި ކުޅުމަށް ބަލައިފައެވެ. ލީގުގަ މިހާތަނަށް ސައްޓުވަނީ ތިން މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ. އަނެއްކާވެސް ގައުމީ ސްކޮޑް އެކުލަވާލުމުގެ ވަގުތު އައިސް ޖެހިފައި އޮތް އިރު ސައްޓު ހުރީ ކުރިއެކޭވެސް އެއްގޮތަށް ރަގަޅު ފޯމެއްގައެވެ. ލީގުގެ ދެވަނަ ބުރުގެ ފުރަޔަމަ ދެ މެޗްގައި މިލަންދޫގެ މުޅި ޓީމަށް ދިމާވި މައްސަލަތަކާ ހުރެ ސައްޓުގެ އަސްލު ކުޅުން ދެއްކޭ ގޮތް ނުވި ނަމަވެސް އޭގެ ފަހުން ކުޅުނު ތިން މެޗްގައި ސައްޓުވަނީ އަނެއްކާވެސް ތަފާތު ދައްކައިފައެވެ. ދެވަނަ ބުރުގެ ތިންވަނަ މެޗްގައި މާލޭ ލީގުގެ ދެވަނަ ހޯދި ގްރީން ސްޓްރީޓް އަތުން މިލަންދޫ ޕޮއިންޓެއް ހޯދީ ފަހު ވަގުތު ސައްޓު ޖަހައިދިން ގޯލުންނެވެ. އެންމެ ފަހުން ކުޅުނު މެޗްގައި ގައުމީ ޓީމުގެ އެންމެ ގިނަ ކުޅުންތެރިން ހިމެނޭ މާޒިޔާ އާ ވާދަކޮށް އާދަޔާ ޚިލާފްގޮތަކަށް މިލަންދޫ އެއްވަރުކުރި އިރު ޓީމުގެ ހީރޯ އަކީވެސް ސައްޓުއެވެ. މިލަންދޫއަށް މެޗް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނުމުގެ އިތުރުން މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ އޭނާއެވެ. ކުޅުންތެރިއަކަށް އޭނާގެ ޕާފޯމެންސް ދައްކަން ކުރެވޭނެ މިއަށްވުރެ ވަކި އިތުރު ކަމެއް އެބައޮތް ހެއްޔެވެ؟

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި އިޝާން އިބުރާހިމް (ސައްޓު) ކުޅެނީ… ފޮޓޯ: މިހާރު

2-ފުޓްބޯޅައިގެ ހުނަރު ހުރި ތަފާތު ކުޅުންތެރިއެއް

ސައްޓުގެ ކިބައިގައި ހުރި ފުޓްބޯޅައިގެ ހުނަރާ މެދު ސުވާލެއް ނެތެވެ. ކޮންމެ މުބާރާތެއްގައި ކުޅުނަސް އޭނާ ތަފާތު ދައްކައެވެ. އެންމެ ފަހުން އޭދަފުށީގައި ނިމިގެންދިޔަ ރިސޯޓްތަކުގެ ފުޓްބޯޅަ މުބާރާތުގެ ތަށި ދުސިތު ހޯދީ ސައްޓުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުއެވެ. މިދިޔަ އަހަރު އޭދަފުށީގައި އޮތް އެޓޯލް ފުޓްބޯލް ޗެލެންޖްގައި ގޮއިދޫ ޓީމަށް ތަށި ލިބުނީ ސައްޓު ޖަހައިދިން އާދަޔާ ޚިލާފު ގޯލުންނެވެ. މި ދެމުބާރާތުގެވެސް މޮޅު ކުޅުންތެރިޔާއަކީ ސައްޓުއެވެ. އަދި، މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފުޓްސެލް މުބާރާތް، މާ ގަދަ ބާރެއްގެ ގޮތުގައި ނުބެލެވޭ ބޭންކް އޮފް މޯލްޑިވްސްގެ ޓީމުން ކާމިޔާބު ކުރީ ސައްޓުގެ ހިތްވަރުންނޭ ބުންޏަސް ޓީމުގެ އެހެން ކުޅުންތެރިން ބޯ ޖަހާލާނެކަން ޔަގީނެވެ. އެހުރިހާ ކަމަކަށްވުރެވެސް ސައްޓުގެ ހުނަރާ މެދު ޔަގީންކަން އިތުރަށް ލިބެނީ އޭނާގެ މިހާރުގެ ކޯޗް ނާސިރު ގެ ވާހަކަތަކުންނެވެ. ނާސިރު ބުނާގޮތުގައި ކޮންމެ ހާލަތެއްގައި ސައްޓު ހުއްޓަސް ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ދެނީ ހުނަރުގެ ގޮތުން އެހެން ކުޅުނެތެރިންނާ ތަފާތުވީމައެވެ. ކޮންމެ ވަގުތެއްގައިވެސް މެޗެއްގެ ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ހުނަރު ސައްޓުގެ ކިބައިގައި ހުރިކަން ނާސިރަށް ޔަގީންވެއެވެ. ސައްޓު މިހާތަނަށްވެސް އައީ އެ ޔަގީންކަން އިތުރު ކޮށްދެމުންނެވެ. މިލަންދޫ ޓީމުގެ ފުރަތަމަ އެގާރައިގައި ގިނަ ފަހަރަށް އޭނާ ކުޅެނީ ޓީމާއެކު އެންމެ ޕްރެކްޓިހެއްވެސް ނުކޮށެވެ. އޮފީހުގެ ބުރަ މަސައްކަތުގައި އުޅެފައި ކަނޑު މަގުން ދަރަވަންދޫއަށް ގޮސް ވައިގެ މަގުން، މެޗް ކުޅެން މާލެ އަންނަ އިރު މެޗް ފެށެން ގިނަ ފަހަރަށް އޮންނަނީ ދެތިން ގަޑިއިރެވެ. ވަރުގަދަ މާޒިޔާއާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗްގައި ގައުމީ ޓީމުގައި ނަގާ ކިޔާ އެތައް ކުޅުންތެރިންނެއް ފަހަތައް ޖައްސާލުމަށްފަހު މޭން އޮފް ދަ މެޗްގެ މަގާމް ސައްޓު ހޯދި އިރު އޭނާ މެޗް ކުޅެން މާލެ އައީ ހެނދުނު 11 ޖެހިއިރު ކަނޑުމަގުންނެވެ. އެވެސް އަދި އޭގެ ކުރީ ދުވަހާއި، ކުރީ ރޭ ހދ. މަކުނުދޫއާ އޭދަފުށްޓާ ދެމެދު ކަނޑު މަގުން ދިގު ދަތުރުތަކެއް ކުރުމަށްފަހު އެވެ. މިހާލަތުގައި ކުޅެ ތަފާތު ދައްކާ ކުޅުންތެރިއެއްގެ ހުނަރާ މެދު ސުވާލު އުފައްދާ ނަމަ ދެން އަޅުގަނޑުމެން ބުނާނެ އިތުރު ވާހަކައެއް ނެތެވެ.

3-މިއީ އާ ކުޅުންތެރިން ޓެސްޓްކޮށްލަން އެންމެ ރަގަޅު ވަގުތު

ދިވެހި ޕްރިމިއަރ ލީގުގައި ތަފާތު ކުޅުމެއް ދެއްކިއަސް އެންމެ ފަހުން އެކުލަވާލި ގައުމީ ދެ ސްކޮޑުން ސައްޓުއަށް ޖާގަ ނުލިބުމުގައި ގަބޫލު ކުރެވޭ އެއް ސަބަބު އެބަ އޮތެވެ. އެންމެ ފަހުން ގައުމީ ސްކޮޑް އެކުލަވާލި ދެ ފަހަރުވެސް ޓީމް ނެގީ އޭޝިޔާގެ ފުޓްބޯޅައިގައި މެދު ފަންތީގައި ގުނާލެވޭ ގައުމަކާ ދެކޮޅަށް މުހިއްމު ދެ މެޗް ކުޅޭށެވެ. އޭޝިޔަން ކަޕަށް ކޮލިފައިވާން މިއިން ދުވަހަކުވެސް ނުލިބޭހާ ރަނުގެ ފުރުސަތެއް ލިބިފައި އޮވެ އެކަން ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު އޮތް ދަނޑިވަޅެއްގައި އޮމާން ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭ ޓީމެއްގައި ހިމަނަންޖެހޭނީ ބައިނަލް އަގްވާމީ ތަޖްރިބާ ލިބިފައި ތިބި ކުޅުންތެރިން ކަމަށް ގަބޫލުކުރެވެއެވެ. ސައްޓުއަށް އަދި ބައިނަލްއަގްވާމީ މެޗެއްގައި ކުޅުމުގެ ފުރުސަތެއް ނުލިބެއެވެ. އެކަމަކު އޮމާން އާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ބަލިވެ ކޮލިފައިވުމުގެ އުއްމީދު މިހާރު ގައުމީ ޓީމަށް ވަނީ ގާތްގަނޑަކަށް ގެއްލިފައެވެ. އެހެންވެ މިވަގުތަކީ ރަގަޅުކުޅުމެއް ދައްކަމުން އަންނަ ހުނަރުހުރި އާ ކުޅުންތެރިންނަށް ފުރުސަތު ދޭން އެންމެ ރަގަޅު ވަގުތު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިގޮތުން ބަލާއިރު ސައްޓުއަކީ ގައުމީ ޖޯޒީގައި މިފަހަރު ޓެސްޓް ކޮށްލަން އެންމެ ރަގަޅު އެއް ސާމްޕަލެވެ. ޕްރެކްޓިސް ނުކޮށް ތަފާތު ދައްކަމުން އަންނައިރު ބައިނަލް އަގްވާމީ ތަޖުރިބާ ހުރި ކޯޗެއްގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތަކުގައި ގަވައިދުން ބައިވެރިވެ ދައްކާ ކުޅުން އަދި މާ ތަފާތު ވާނެކަމަށް ގަބޫލު ކުރެވެއެވެ. އެހެން ހުރިހާ ފަހަރަކަށްވުރެ މިފަހަރު ގައުމީ ސްކޮޑް އެކުލަވާލާއިރު ސައްޓުގެ ނަން އޮތުން ހައްގު ކަމަށް ސައްޓުގެ ސަޕޯޓަރުން ގަބޫލުކުރަނީ އެހެންވެއެވެ.

ފޮޓޯ: ދިވެހި ޕްރިމިއަރ ލީގު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.