ބ. އަތޮޅުގެ ރަށްތަކަށް ދައުވަތު ދީގެން ދޮންފަނު ޒުވާނުން ބާއްވާ “ދޮންފަނު އިންވިޓޭޝަން ކަޕް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިދިޔަ އަހަރާ ހިލާފަށް މި އަހަރުގެ މުބާރާތަށް ބ. އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ ދައުވަތު ދީފަ އެވެ.
އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފަށަން ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވާންއެދި ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ މުއްދަތަކީ މި މަހުގެ 15 ވަނަ ދުވަހެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ކުޅެވޭނީ 23 އަހަރުން ދަށުގެ އެ ރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ.
މުބާރާތުގައި ބައިވެރިވާން އެއްވެސް ފީ އެއް ދައްކާކަށް ނުޖެހެ އެވެ. މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރުފިޔާ ވަނީ ހުށަހަޅާފައެވެ.
މިދިޔަ އަހަރުފެށި “ދޮންފަނު އިންވިޓޭޝަން ކަޕް” އަކީ އޭދަފުށި ފިޔަވައި އަތޮޅުގެ ރަށްރަށަށް ދައުވަތުދީގެން މިފަދަ މުބާރާތެއް ބާއްވާ ދެވަނަ ރަށެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުރީ ކިހާދޫ ޓީމެވެ.