“ބޮސް” މިރޭ އޭދަފުށީގައި

“ބޮސް” ގެ މަންޒަރެއް: މިރޭ މި ފިލްމް އޭދަފުށީގައި ޕްރިމިއާ ކުރާނެ.

ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާގެ ވާހަކައަކަށް އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ ފިލްމް “ބޮސް” މިރޭ އޭދަފުށީގައި އެޅުވުމަށް ތައްޔާރުވެއްޖެ އެވެ.

މިރޭ މި ފިލްމް އޭދަފުށީގައި އެޅުވުމަށް ހަމަޖެހިފައިވަނީ މަލްޓިޕާޕަސް ހޯލުގަ އެވެ.

ފިލްމް އެޅުވުމުގައި އިސްކޮށް އުޅޭ ކްލަބް ދަ ބިގިނާސް އިން ބުނިގޮތުގައި މި ފިލްމްގެ ފުރަތަމަ ޝޯގެ ޓިކެޓް ވިއްކަން ފެށިތާ ބައި ގަޑިއިރު ތެރޭގައި ވިކި ހުސްވެފައިވާ ކަމަށެވެ. މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ 9، 10 އަދި 11 ވަނަ ދުވަހުގެ ރެއެވެ.

“ފުރަތަމަ 2 ޝޯގެ ޓިކެޓް ހުސްވެއްޖެ. 3 ވަނަ ރެޔަށް މިހާރުވެސް ޓިކެޓް ވިއްކަމުން މިދަނީ. މިއަދު ހަވީރު މި ފިލްމްގެ މޭކިން ސްކްރީންގައި އަޅުވާނަން،” ފިލްމްގެ ޓިކެޓް ވިއްކުމުގައި ހަރަކާތްތެރިވާ ރަމީޒް ޔޫސުފް ބުންޏެވެ.

“ބޮސް” ގެ ޕޯސްޓަރެއް: މިރޭ މި ފިލްމް އޭދަފުށީގައި ޕްރިމިއާ ކުރާނެ.

ބޮސް އިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމައެވެ

މީގެ އިތުރުން “ޑިޕްރެޝަން”އިން އަރައިގަތުމަށް އިބާ ކުރިމަތިލާ ގޮންޖެހުންތަކާއި، އެކަމުގެ ތެރޭގައި ކުރެވޭ މަޖުބޫރީ ކައިވެންޏަކާ އެކައިވެނިން ލިބޭ ހިތްދަތިކަން، އަދި ލޯބިވާމީހާ ނުލިބުމުން ކުރާ ހިތްދަތި އަސަރުވެސް މި ފިލްމުން ފެނިގެން ދާނެއެވެ.

ފިލްމުގެ ބަތަލެއްގެ ގޮތުގައި މުޅިން އައު މޫނެއް ފެނިގެންދާ މުހައްމަދު ޔުނާން (ރާއިދު)، ތެދުވެރި ލޯތްބަކަށްޓަކައި ވާ ގުރުބާނީ، ބެލުންތެރީންގެ ހިތް ހަމަ ރަނގަޅަށް ކުދި ކުދި ކޮށްލާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.