ފޮތް ދަބަހުގެ ބަދަލުގައި އަންނަ އަހަރު ސްކޫލުތަކަށް ގެންދާނީ ޓެބްލެޓް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކްލާސް ރޫމުގައި. ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް އަންނަ އަހަރު ޑިޖިޓަލައިޒް ކުރާނެ

އަންނަ އަހަރަކީ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ އަހަރެއް ކަމަށާއި ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލައިޒް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއާ، އާ މުޤައްރަރު ތަންފީޒުކުރުމުގެ މަސައްކަތް، އަންނަ އަހަރު ނިމޭނެ ކަމަށެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫއާއެކު ކުދިންނަށް ކިޔަވައި ދިނުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުން ކުރެވޭނެ ގޮތްތައް މަގުފަހި ކުރެވޭނެ ކަމަށާއި އެއާއެކު ދަރިވަރުން ގެންދަންޖެހޭ ބަރު ފޮތް ދަބަސް، ލުއި ޓެބްލެޓަކަށް ބަދަލު ކުރެވިގެންދާނެ ކަމަށެވެ.

“ރާއްޖޭގެ ހުރިހާ ސްކޫލް ދަރިވަރުންނަށް އޭގެ ފަސޭހަކަން ލިބިގެންދާނެ، ކިޔަވައިދިނުމާއި ހޯމްވޯކް ދިނުމާއި، ކިލާހުގައި ކުދިންގެ ފެންވަރު ބެލުމުގެ ވައްޓަފާޅި ޒަމާނާ އެއް ހަމައަށް ގެނެސްދެވޭނެ” ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ސަބަބުން ޓެކްސް ފޮތްތައް ޗާޕުކުރުމަށް ދައުލަތުން ކުރާ ހޭދަ މެދު ރާސްތާގައި ކުޑަކުރެވި، މުސްތަގްބަލުގައި ދައުލަތުން މިހާރު އެކަމަށް ކުރާ ހަރަދަށް ލުއިކަމެއް ގެނެސްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތުތަކަށް 210 މިލިއަން ރުފިޔާ އަންނަ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައެޅިފަިއވާ ކަމަށާއި އޭގެ ސަބަބުން އަންނަ އަހަރު ގިނަ އަދަދެއްގެ ކުދީންނަށް މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލަޝިޕް ލިބޭނެ މަގު ފަހިކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.