ދައުލަތުގެ ފައިސާގައި ނުޖެހުމަށް ސަލީމު ގޮވާލައިފި

ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ވެރިންނަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމު ދައުލަތުގެ ފައިސާގައި ނުޖެހުމަށް ގޮވާލާ ނަސޭހަތް ދެއްވައިފިއެވެ.

ސަރުކާރުން 2018 ވަނަ އަހަރަށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަ ދައްކަވަމުން ސަލީމް ވަނީ އުމަރުގެފާނުގެ ހަލީފާކަމުގައި ކުރެއްވި ތިން ކަމަކުން މިސާލު ނަންގަވާފައެވެ.

ސަލީމް ފުރަތަމަ މިސާލަކަށް ނެންގެވީ އުމަރުގެފާނުގެ ހަލީފާކަމުގައި އާލާސްކަންފުޅެއް ޖެހިވަޑައިގެން މާމުއި ކޮޅެއް ނެގުމަށް އަސްހާބު ބޭކަލުން އެއްކުރައްވާ ހުއްދަ ހޯއްދެވި ކަމަށް ބުނާ މައްސަލައަކުންނެވެ. ސަލީމު ވިދާޅުވީ އެއީ މިއަދުގެ ވެރިން ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

ދެވަނައަށް ސަލީމު ނެންގެވީ އުމަރުގެފާނުގެ ހަލީފާކަމުގައި ދައުލަަތުގެ މުވައްޒަފަކަށް ނުބައްދަލު މުއްސަނދިކަން ލިބުނު މައްސަލައެކެވެ. ސަލީމް ވިދާޅުވީ އެކަމުގެ ޝަކުވާ އުމަރުގެފާނަށް ލިބިވަޑައިގަތުމުން އެމީހާ ގެނެސް މައްސަލަ ތަހުގީގުކޮށް އޭނާއަށް އެވަރުގެ މުއްސަނދިކަމެއް ލިބޭނެ ގޮތެއް އޮތްތޯ ބެއްލެވި ކަމަށެވެ. އަދި އެފަދަ ކަމެއް ނެތުމުން އޭނާގެ މުދަލުގެ ދެބައިކުޅަ އެއްބައި ދައުލަތަށް ނެންގެވި ކަމަށް ސަލީމް ވިދާޅުވިއެވެ.

އެ މިސާލަށްފަހު ސަލީމް ވިދާޅުވީ ރައީސް އައްޔަން ކުރައްވާ ވަޒީރުން ވެސް ވަރަށް ވިސްނަން ޖެހޭ ކަމަށެވެ.

ކޮންމެ ކަމެއް ކޮށްފައި އެކަން ރައީސްގެ އިސްތަށިފުޅުގައި އަޅުވައިގެން ނުވާނެ ކަމަށާއި އިހުލާސްތެރިވާން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އޭރުވެސް އެންޓިކޮރަޕްޝަން ގާނޫނުތައް ހުރި ކަމަށެވެ. ނަމަވެސް މިއަދު އެފަދަ ގާނޫނެއް ނެތް ކަމަށާއި އޭސީސީ ބާރުވެރި ކުރަން ޖެހޭ ކަމަށް ސަލީމް ފާހަގަ ކުރެއްވިއެވެ.

ސަލީމް ތިން ވަނައަށް ފާހަގަ ކުރެއްވީ އުމަރުގެފާނުގެ ހަލީފާކަމުގައި ގަވަރުނަރުންނާ މެދު އަމަލު ކުރައްވާ ގޮތުގެ މިސާލެކެވެ. އެގޮތުން ގަވަރުނަރުން އައްޔަން ކުރައްވާ އިރު ރައްޔިތުންނާ އެއް ފެންވަރެއްގައި އުޅުމަށް އަންގަވާ ކަމަށާއި ތުރުކީ އަހަށް ސަވާރު ނުވުމަށާއި މޮޅު ހެދުން ނުލުމަށާއި ފުރާނާފައި ހުންނަ ފުށް ބޭނުން ނުރަން އެންގަވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިޒަމާނުގައި ނަމަ ތުރުކީ އަހަކީ ބީއެމްޑަބްލިއު ފަދަ ކާރުތައް ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އުމަރުގެފާނުގެ ހަލީފާކަމުގައި މިސްރަށް ފޮނުވި ގަވަރުނަރަކު މާމޮޅު ހެދުންލާ މައްސަލައެއް ހުށަހެޅުމުން އޭނާ ގެނެސް އެމައްސަލަ ބެލުމަށްފަހު ގޯނި ހެދުން ލައްވާފައި ބަކަރި ހުއި ހައްޕަން ފޮނުވި ކަމަށެވެ. އެ މިސާލުތަކުން އިބުރަތް ލިބިގަތުމަށް ސަލީމް ގޮވާލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ގަހާ

    ކާބޯ ތަކެއްޗާއި ކަރަންޓްގެ އަގު ހެޔޮ ކުރާއިރު އެބައި ފޫ ބެއްދުމަށް ޓަކައި އަނެއްކާ އެފައިސާ ދައްކަން މިޖެހެނީ މަމެން މާލެ ސަރަހައްދުގައި ބުރަ ކޮށް މަސައްކަތް ކުރާ އަމިއްލަ ކުންފުނި ތަކުގެ މީހުންނެވެ. ސިވިލް ސާރވެންޓުން އަދި ސަރުކާރުގެ މުވައްޒަފުން ނުޖެހޭނެ މިފައިސާ ދައްކަން. މީ ވަރަށް ބޮޑު މައްސަލަ އެކެވެ. ރާއްޖޭގައި ނިކަމެތި ވެގެން ނިކަމެތިން ކަމަށް ހެދިގެން އުޅެނީ ގަދަފަ އަތުން ފައިން މަސައްކަތް ކުރެވޭ ކުޅެދޭ މީހުންނެވެ. ތިއޮތް ހުޅުދޫ މީދޫ އަށް އެންމެ ފަހުން މަމެން ދިޔައިރު އެރަށުގައި ގިނަ ޒުވާނުން ތިބެނީ އަތް އުރާލައިގެން އެެއްވެސް މަސައްކަތެއް ނުކޮށް އެވެ. ދެން އެމެން އެއީ ނިކަމެތިން ކަމަށް ބަލާ އެމެންނަށް ސަބްސިޑީ ދޭނަމަ ދެން މަމެން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ އަމިއްލަ ކުންފުނި ތައް ހަލާކު ވެދާނެއެވެ. އެއްގޮތަކަށް ވެސް އެކަން އެގޮތަށް ކޮށްގެން ނުވާނެއެވެ. ކަރަންޓް ކާރޑުގެ ސަބްސިޑީ ދޭން ޖެހޭނީ ނުކުޅެދޭ މީހުންނަށް އެކަނި އެވެ. އެނިމުނީއެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.