ހަސީނައްތަ ނިޔާވެއްޖެ

ހަސީނައްތަ

ފޫޅުމައެއްގެ ގޮތުގައި ބައިގަރުނު ހޭދަކުރި ބ. އޭދަފުށީ ގުލްބަކާގޭ ހަސީނާ މުހައްމަދު (ހަސީނައްތަ) މީގެ ކުޑައިރުކޮޅެއް ކުރިން ނިޔާވެއްޖެ އެވެ.

ހަސީނައްތަ ނިޔާވީ ނޭވާލުމުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން މީގެ ފަނަރަ ވަރަކަށް ދުވަސްކުރިން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަނިކޮށް މިރޭ 12:30 ހާއިރު އެވެ.

ހަސީނައްތަ އަކީ 1400 އަށް ވުރެ ގިނަ ކުދިން ވިއްސި އެ ކުދިންގެ ފޫޅުމައެވެ. އޭނާ އަކީ، މި ޒަމާން ދެކޭ ފަސޭހަ ބޭސްވެރިކަން ނެތް ޒަމާނުގައި އެކަނިމާ އެކަނި ރަށްރަށަށް ދަތުރުކޮށްގެން ވެސް އެ ޚިދުމަތް ފޯރުކޮށްދިން ހުނަރުވެރި، އަދި ވިސްނުންތެރި، އަދި މަސައްކަތްތެރި އަންހެނެކެވެ. ދަންވަރު ރަށުގެ އެއްކޮޅުގައި މީހަކު ވިއްސައިފައި، ރަށުގެ އަނެއްކޮޅުގައި އަނެކަކު ވިއްސި ކުޅަދާނަ އަންހެނެކެވެ. އޭނާގެ ހަޔާތުގެ ބޮޑުބައި ހޭދަކޮށްފައި ވަނީ އުނދަގޫ، އަދި އެހާމެ ބޮޑެތި ރިސްކުތަކެއްގެ ތެރޭގަ އެވެ. ހަމައެއާ އެކު އެ ހިދުމަތުގައި ބައި ގަރުނު ހޭދަކުރި އިރު، ކޮންމެ ދުވަހަކީ ވެސް ކޮންމެވެސް ބަޔަކަށް އޭނާގެ ފަރާތުން ލިބުނު އަގު ނުކުރެވޭ ވަރުގެ ޚިދުމަތަކަށް ނޫނީ ނުވާނެ އެވެ.

ހަސީނާ އަކީ މީހުން ވިއްސުމުގެ ހާއްސަ ހުނަރެއް ލިބިފައިވާ މީހެއް ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ. ހާއްސަކޮށް، ވިއްސުމާއި ވިހެއުމުގެ ތެރޭގައި ދިމާވާ ކަންތައްތަކާއި މައިމީހާއަށާއި ތުއްތު ދަރިފުޅަށް ދިމާވާ މައްސަލަތައް އަމިއްލަ ތަޖުރިބާއިން ދެނެގަނެ، އެ ބަލިތަކަށް ފަރުވާކުރުމުގައި އޭނާ އަށް ވަނީ މުޅި އެ ސަރަހައްދުގައި ވެސް ބޮޑު އިތުބާރެއް ލިބިފަ އެވެ. މިހާރު، 2008 އިން ފެށިގެން މި މަސައްކަތާ މުޅިން ދުރުގައި ހުރި އިރު ވެސް، ޒުވާން މައިންް ހަސީނާގެ ފަރާތުން ލަފާ ހޯދައި، އެގޮތަށް ކަންތައްތައް ކުރާ ކަމީ، އޭގެ ހެެއްކެކެވެ.

އޭނާ މި ޚިދުމަތް ފަށައިގެން އައީ އޭދަފުށީގެ ވެސް، އަދި މުޅި ރާއްޖޭގެ ސިއްހީ ހާލަތު ވެސް ވަރަށް ދަށްވެފައި އޮތް ދުވަސްވަރެއްގަ އެވެ. އޭރު މީހުން ވިއްސަނީ ފުޅި ބައްތި އާއި ފާނޫޒުގެ އަލީގަ އެވެ. ކަމެއް ދިމާވިޔަސް، ކުރެވޭނެ މާބޮޑު ކަމެއް ނޯވެ އެވެ. ރަށުގައި ޑޮކްޓަރަކު ނުހުރެ އެވެ. ބޭހެއް ނުހުރެ އެވެ. އެހެންވެ ވިހެއުމުގެ ތެރޭގައި މައިން މަރުވާ ނިސްބަތް ރާއްޖޭގައި އޮތީ އިންތިހާ އަށް މައްޗަށް ގޮސްފަ އެވެ. އެކަމަކު އޭނާގެ އަތުގައި ވަރަށް ބޮޑު ކާމިޔާބީއެއް އެބައޮތެވެ. އެތަކެއް ސަތޭކަ މީހުން ވިއްސި އިރު ވިހެއުމުގެ ތެރޭގައި މަރުވީ އެންމެ މަޔެކެވެ. ބައެއް މައިން ވަރަށް ނާޒުކު ހާލަތްތަކުން އޭނާ ވަނީ ސަލާމަތް ކޮށްދީފަ އެވެ.

ފޫޅުމާކަން ކުރަމުން ދިޔައިރު، އެކަމާ ގުޅިގެން ދިމާވާ އެހެނިހެން ބަލިތަކަށް ވެސް ހަސީނާ އައީ ފަރުވާދެމުންނެވެ. އެ ބޭސްވެރިކަމުގައި ވެސް ހަސީނާގެ ކުޅަދާނަކަން ބޮޑެވެ.

އެކަމަނާގެ މިޚިދުމަތްތައް ބަލައިގަނެ ދިވެހި ސަރުކާރުން ވަނީ ހިތްވަރު ދިނުމުގެ އިނާމުވެސް ދެއްވާފައެވެ.

1400 ކުދިންގެ “މަންމަ”

އުމުރުފުޅުން 82 އަހަރުގައި ހަސީނައްތަ ނިޔާވިއިރު 11 ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. އެއީ ހަ އަންހެން ބޭފުޅަކާއި 5 ފިރިހެން ބޭފުޅެކެވެ.

މަރްހޫމާގެ ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށްފަހު މާލޭގެ އާސަހަރާ މިސްކިތުގައެވެ.


އަލްމަރުޙޫމާ ހަސީނާ މުހައްމަދުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.