ސެންޓޭގެ ދެ ލަނޑާއެކު ނިއުއިން ހަވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން ސެންޓޭ ބޯޅަފޮނުވާލަނީ –ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭދަފުއްޓަށް އުފަން ހުނަރުވެރި ކުޅުންތެރިޔާ ޢަލީ ފާސިރު (ސެންޓޭ) ޖެހި ދެލަނޑާއެކު 3-2 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއު ރޭޑިއަންޓުން ދިވެހި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފިއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހަމިނިޓުގައި ނިއުންވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ލަނޑު ފުރަތަމަ މިނިޓުގައި ސެންޓޭ ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު ހަވަނަ މިނިޓުގައި ސެންޓޭ ނަގައިދިން ކޯނަރަކުން ޖެހީ ގަލާޑޯއެވެ. އަދި 73 ވަނަ މިނިޓުގައި ޢަލީ އަޝްފާގުގެ އެހީތެރިކަމާއެކު މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސެންޓޭ މެޗުގެ ތިންވަނަ ލަނޑު ޖެހިއެވެ. ނަމަވެސް މެޗުގެ ފަހު 15 މިނިޓުގައި ޓީސީގެ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ވަނީ ދެލަނޑުޖަހާ ފަރަގު ކުޑަކޮށްފައެވެ.

މި މޮޅާއެކު ބާކީ އެއްމެޗު އޮއްވައި ނިއުއިން ލީގު ކަށަވަރުކުރީ ކުޅުނު 13 މެޗުން 37 ޕޮއިން ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ޓީސީ 13 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. ލީގުގައި މި ދެޓީމަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ. ފަހު މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައިވިޔަސް ޓީސީއަށް ޕޮއިންޓުގެ ގޮތުން ނިއުއާއި އަރާ ހަމައެއް ނުކުރެވޭނެއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން ސެންޓޭ ބޯޅަފޮނުވާލަނީ –ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއީ ރާއްޖޭގެ އެންމެ ބޮޑު ލީގު ނިއުއިން ކާމިޔާބުކުރީ ހަވަނަ ފަހަރެވެ. މިފަހަރުގެ ކާމިޔާބީއާއެކު ނިއު ވެގެންގޮސްފައިވަނީ ލީގު އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ކްލަބަށެވެ. ދެވަނައިގައިވާ ވެލެންސިޔާ ލީގު ކާމިޔާބުކޮށްފައިވަނީ ފަސް ފަހަރުއެވެ.

މިއަދުގެ މެޗުގައިވެސް ސެންޓޭވަނީ މި ސީޒަނުގައި ދައްކަމުންދާ މޮޅު ކުޅުން ތަކުރާރުކޮށްފައެވެ. މިއަދުގެ މެޗުގައި ޖެހި ދެ ލަނޑާއެކު ސެންޓޭ ވަނީ މި ސީޒަނުގައި މިހާތަނަށް 19 ލަނޑު ކާމިޔާބުކޮށް ލަނޑު ލިސްޓުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ސެންޓޭގެ 19 ލަނޑުގެ ތެރެއިން މާލޭ ލީގުގައި 4 ލަނޑު ޖަހާފައިވާއިރު ގައުމީޓީމަށް 3 ލަނޑު ޖަހައިދީފައިވެއެވެ. އަދި ދިވެހި ޕްރިމިއަރ ލީގުގެ 13 މެޗުގައި 12 ލަނޑު ޖަހާފައިވެއެވެ. ސެންޓޭ ވަނީ މިދިޔަ ސީޒަނުގައި ޓީސީގައި ހުރެ 34 ގޯލުޖަހާ ރަންބޫޓުވެސް ހާސިލްކޮށްފައެވެ. އަދި މިދިޔަ އަހަރު ދިވެހި ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ހަބަރުތައް ގެނެސްދޭ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް ފުޓްބޯލް ގުޅިގެން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ޝަރަފްވެރި އެވޯޑުވެސް ހޯދާފައިވަނީ ސެންޓޭއެވެ.

ސެންޓޭގެ ބޮޑު އެހީތެރިކަމަކާއެކު ނިއުއިން ލީގު ކާމިޔާބުކުރިއިރު ނިއުގެ ޓީމުގައި ހިމެނޭ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ޢަބްދުﷲ ޒިޔަޒަން އަކީވެސް އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިންނެވެ. މި ހުރިހާ ކުޅުންތެރިންނަށް “އީޓީ” ގެ ނަމުގައި މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.