ރަންނާ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރަންނާ އެވޯޑް ދިނުމަށް ބޭއްވި ޖަލްސާޣައި ހޯމް މިނިސްޓަރު އަބްދުއްރައްޒާގު މުހައްމަދުއަށް ޝަރަފުވެރިކަމުގެ އިނާމު ހަވާލުކޮށްދެނީ– އީޓީ ފޮޓޯ / ތޯރިގް

ތަފާތު އެކި ދާއިރާތަކުން ބ. އަތޮޅަށް ފާހަގަކޮށްލެވޭ ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ ރަންނާ އެވޯޑް 2018 އަށް ކުރިމަތިލުމުގެ ފުރުސަތު ބ. އަތޮޅު ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް އެވޯޑަށް ކުރިމަތިލެވޭނެ ކަމަށެވެ. މި އެވޯޑް ދެނީ ހަ ދާއިރާއަކަށް ހާއްސަ ކޮށްގެންނެވެ.

އެ ދާއިރާތަކަކީ:
1. ޝަރަފްވެރިކަމުގެ އެވޯޑް
2. ހިތްވަރުދިނުމުގެ އެވޯޑް
3. ކައުންސިލުންދޭ ޚާއްޞަ އެވޯޑް
4. މަތީ ދަރަޖަ ހޯދާފަރާތްތަކަށް ކައުންސިލުންދޭ ޚާއްޞަ އެވޯޑް
5. ޚާއްސަ ޚިދުމަތުގެ އެވޯޑް
6. ހިންގުންތެރިކަމުގެ އެވޯޑް

އާންމުންނާއި އަމިއްލަ ޖަމިއްޔާ، ޖަމާއަތްތަކަށް ވެސް އެވޯޑަށް ނަން ހުށަހެޅޭނެ ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.

ބ. އަތޮޅު ކައުންސިލުން 2015 ވަނަ އަހަރު ތައާރަފު ކުރި މި އެވޯޑް ދޭ މިއީ 2 ވަނަ ފަހަރެވެ. މި އަހަރު ކައުންސިލުގެ ދައުރު ބަދަލުވުމުގެ މަރުހަލާ ދިގު ދެމިގެން ދިއުމުންނާއި، އާ ކައުންސިލް އައުމަށްފަހު އެވޯޑަށް ތައްޔާރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭތީ މިއަހަރު އެވޯޑް ދިނުން ނުބާއްވަ އެވެ.

މިދިޔަ އަހަރު އޮތް ރަންނާ އެވޯޑްގައި ޝަރަފުވެރި ކަމުގެ އިނާމު ދެ ބޭފުޅަކަށް އަދި ހިތްވަރުދިނުމުގެ އިނާމު 13 ބޭފުޅަކަށް ލިބިފައިވެ އެވެ. މީގެ އިތުރުން މަތީ ދަރަޖަ ހާސިލުކޮށްފައިވާ ފަރާތްތަކަށާއި ސާނަވީ/މަތީ ސާނަވީ އަދި ކުޅިވަރުގެ ބައިން ވަނަތައް ހޯދައިދީފައިވާ ފަރާތްތަކަށްވެސް ހަނދާނީފިލާ ދީފައިވެ އެވެ.
މީގެ އިތުރުން ބ. އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަށާއި އެންމެ ހިންގުންތެރި ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށްވެސް އެވޯޑްދިނެވެ.

މި އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗު މަހު ބާއްވާ ހަފުލާއެއްގައި ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.