ރެޑްވޭވްގެ އާ ފިހާރައެއް ހުޅުވައިފި

ރެޑްވޭވުގެ އާ ފިހާރަ ބާރަށު ދާއިރާގެ މެމްބަރު އަދި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ޝުޖާއު މިރޭ ހުޅުވައިދެއްވަނީ. ފޮޓޯ: ނިޝާން އަލީ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ރެޑްވޭވް ކުންފުނިން މާލޭގެ ހަތްވަނަ ފިހާރަ މާފަންނުގައި މިރޭ ހުޅުވައިފި އެވެ.

ދުނބުރި މިސްކިތް ހުންނަ ކާނޭޝަން މަގުގައި ހުޅުވި ރެޑްވޭވްގެ ހަތްވަނަ ފިހާރަ މިރޭ ހުޅުވައިދެއްވީ ރެޑްވޭވްގެ ޖެނެރަލް މެނޭޖަރު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

މި ފިހާރައިން ވެސް ރެޑްވޭވްގެ އެހެން ފިހާރަތަކުން ލިބޭ ހުރިހާ މުދަލެއް އެއް އަގެއްގައި ލިބެން ހުންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަނީ ބާޒާރުގައި އަގު އުފުލޭ ބާވަތްތަކުގެ މުދާ އާއްމުންގެ އަތްފޯރާ ހިސާބަށް ގެނެސްދިނުމަށް ކަމަށެވެ. އަދި ކާބޯތަކެތީގެ އިތުރުން އާއްމުކޮށް ގޭގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ވީހާވެސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ރެޑްވޭވުން ފަރުނީޗަރު ފިހާރައެއް ހެންވޭރުގައި އަންނަ ޖެނުއަރީމަހުގެ ތެރޭގައި ހުޅުވަން މަސައްކަތްކުރާ ކަމަށެވެ. އަދި މޮބައިލް ފޯނު ވިއްކާ ފިހާރައެއް ވެސް އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހުޅުވަން މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ހުޅުމާލޭގައި ހަދާ ރެޑްވޭވްގެ މެގަ މޯލް އަންނަ އަހަރުގެ ރޯދައަށް ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.