ބ. ދަރަވަންދޫގައި ކަރަންޓް ދެމުން އަންނަ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެރަށުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކަނޑަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދަރަވަންދޫގައި ކަރަންޓް ފޯރުކޮށްދެމުންދާ އިންޖީނުގެ ތެރެއިން 250 ކިލޯ ވޯޓްގެ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިއަދު ހެނދުނުން ފެށިގެން ޕީކް ގަޑިތަކުގައި ކަރަންޓް ނުހިފޭއްޓޭތީވެ، އެރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދާނެ ކަމަށެވެ.
ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ އިންޖިނިއަރުންގެ ޓީމެއް އެރަށުގައި މިހާރުދަނީ ހަރަކާތްތެރިވަމުންނެވެ.
“މައްސަލަ ވީހާވެސް އަވަހަކަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދަނީ،”
ކަރަންޓްގެ ހިދުމަތް އާންމު ހާލަތަކަށް ގެނެވެންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކްސްތައް މަދުން ބޭނުން ކުރުމަށް ފެނަކައިން ވަނީ އިލްތިމާސް ކޮށްފަ އެވެ.