ބ. ގޮއިދޫ ބަޔަކު ކާނާ ވިހަވެގެން އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދޭން ފަށައިފި އެވެ.
އެރަށު 15 ވަރަކަށް މީހުންވަނީ ކާނާ ވިހަވެފަ އެވެ. އޭގެ ތެރެއިން އަންހެނެއްގެ ހާލު ސީރިއަސް ވެގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެނެސް މިހާރުދަނީ ފަރުވާ ދެމުންނެވެ.
ގޮއިދޫން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ކާނާ ވިހަވިކަމަށް ބެލެވެނީ ރޭ އެރަށުގައި އޮތް ސަރުކާރު މުވައްޒަފުންގެ ބާބަކިއުއަށް ދިޔަ ބަޔަކު އެތަނުން ކެއި ކޮންމެވެސް އެއްޗެއްގެ ސަބަބުންނެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ގޮއިދޫގައި ކާނާ ވިހަވެގެން މައްސަލަތަކެއް ފާހަގަކުރެވިގެން އެކަން ރިޕޯޓްކޮށްފައިވާކަމަށާ، މާ ސީރިއަސް މައްސަލައެއް ނެތް ކަމަށެވެ. އަދި ހާލު ސީރިއަސްވެގެން އަތޮޅު ހޮސްޕިޓަލަށް ގެނައި އަންހެންމީހާގެ ހާލުވެސް މިހާރު ރަނގަޅުކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.