މި އަހަރުގެ ރަމަޟާން މަހު ދަޅުމަސް ހުސްނުވެ ލިބެން ހުންނާނެ ކަމަށް މަސް ކުންފުނިތަކުން ބުނެފި އެވެ.
“ފެލިވަރު” ގެ ނަމުގައި މަސްދަޅު އުފައްދާ ފެލިވަރު ފިޝަރީޒްގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ރަޝިދު ވިދާޅުވީ، މި ރަމަޟާން މަހު ދަޅުމަސް ހުސްނުވެ އެ ކުންފުނީގެ ފިހާރަތަކުން ދަޅުމަސް ލިބެން ހުންނާނެ ކަމަށެވެ. އަދި ދަޅު މަހުގެ އިތުރުން ރޯދައަށް ބޭނުންވާ އެހެން ބާވަތްތައްވެސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެނާ ވިދާޅުވި އެވެ.
“މަސައްކަތް ކުރަމުން މި އަންނަނީ މިހާރުވެސް ލިބެން ހުރި އަގަށް ބަދަލެއް ނުގެނެސް ރޯދަ މަހުވެސް ދަޅުމަސް ވިއްކަން. މީގެ އިތުރުން މުގުރި މަހާ ޓޫނާ ބްލޮކްސް ފަދަ ގިނަ ބާވަތްތަކެއްވެސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސަމުން މި އަންނަނީ” ހަސަން ވިދާޅުވި އެވެ.
ކޫއްޑޫ އާއި މިފްކޯ އިން ތައިލެންޑްގައި ދަޅުމަސް ބަންދު ކޮށްގެން ގެންނަ އިރު، ފެލިވަރުން ދަޅުމަސް ބަންދު ކުރަނީ ރާއްޖޭގަ އެވެ.
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ބުނެފައިވަނީ ރޯދަ މަހަށް ޚާއްސަކޮށްގެން ތިން ކޮންޓެއިނަރު ދަޅުމަސް ގެނެސްފައިވާ ކަމަށެވެ. އަދި މިފްކޯ އިން ބުނީ، އެ ކުންފުނިންވެސް މި އަހަރުގެ ރޯދަ މަހު ދަޅު މަސް ލިބެން ހުންނާނެ ކަމަށެވެ.
“ކަންނެލިން އުފައްދާ ބާވަތްތަކާއި ލައިފް ސްޓައިލް ބްރޭންޑްގެ ތަފާތު އުފެއްދުންތައްވެސް ލިބެން ހުންނާނެ މިއަހަރުގެ ރޯދަ މަހު” މިފްކޯގެ މީޑިއާ ކޯޑިނޭޓަރު ޢަބްދުﷲ މައުމޫން ވިދާޅުވި އެވެ. މައުމޫން އިތުރަށް ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނާ ހަމައަށް ހެޔޮ އަގުގައި ދަޅުމަސް ލިބޭނެގޮތް ހަމަޖެއްސުމަށް ކަމަށެވެ.