ފަރެސްމާތޮޑާގައި ބީއެމްއެލްއިން ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

ގދ. ފަރެސްމާތޮޑާގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއެއް ބަހައްޓައި، މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އޭޓީއެމް ބޭނުންކޮށްގެން ފައިސާ ނެގުމާއި ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް އެ ރަށުގައި 24 ގަޑިއިރު ދެމުން ގެންދާނެ އެވެ.

މި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކް ގުލްޤަރްނައިން ބިން ތަމަން އެވެ.

“މިއީ ރާއްޖޭގެ ސަރަހައްދުތަކަށް ހިދުމަތް ފުޅާކޮށް ވީހާވެސް ގިނަ ރައްޔިތުންނަށް ބޭންކިންގ ހިދުމަތް ފަސޭހަކަމާއެކު ލިބޭނެގޮތް ހެދުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ދޭން ފެށުނު ހިދުމަތެކެވެ،” ބަޔާނުގައި ވެ އެވެ.

އޭޓީއެމްގެ ހިދުމަތް ފެށުމަށް ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ގުލްޤަރްނައިން ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ދާއިރާއެއްގައި ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމަށް އިތުރުވާ މުހިންމު ބައެއް ކަމަށާއި މުޅި ރާއްޖެ ޝާމިލުވާގޮތަށް އާންމު ފަރުދުންނަށާއި އާއިލާތަކަށާއި ވިޔަފާރިތަކަށް މި ޕްރޮގްރާމްގެ ފައިދާ ލިބެމުންދާ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 32 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 91 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްގެ ބަޔާނުގައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.