ސެންޓޭ އާއި ސައްޓު އަހަރުގެ އެންމެ މޮޅު ގޯލަށް ވާދަކުރަނީ

ސެންޓޭ އާއި ސައްޓު

މޯލްޑިވްސް ފުޓްބޯލްއާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބާއްވާ ފުޓްބޯޅަ އެވޯޑް ނައިޓްގެ އަހަރުގެ އެންމެ މޮޅު ގޯލަށް އޭދަފުއްޓަށް އުފަން ޢަލީ ފާސިރު (ސެންޓޭ) އާއި އިޝާން އިބްރާހީމް (ސައްޓު) ނޮމިނޭޓް ވެއްޖެއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ޖެހި އެންމެ މޮޅު 6 ލަނޑު މިހާރު ވަނީ އާއްމު ކޮށްފައެވެ. އޭގެތެރޭގައި ސެންޓޭގެ ދެ ލަނޑު ހިމެނެއެވެ.

ސެންޓޭގެ ފުރަތަމަ ލަނޑަކީ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ޓީސީ ކޮޅަށް ޖެހި ލަނޑެވެ. ސެންޓޭ މި ލަނޑު ޖެހީ ޓީސީގެ ހާފުން ލިބުނު ބޯޅަ ހިފައިގެން ގޮސް ހަތަރު ވަރަކަށް ކުޅުންތެރިން ކައިރިން ނައްޓާފައެެވެ. ނޮމިނޭޓްވި ސެންޓޭގެ ދެވަނަ ގޯލަކީ އެފްއޭކަޕް ސެމީ ފައިނަލުގައި ގްރީން ސްޓްރީޓްސް ކޮޅަށްޖެހި ހިތްގައިމު ހިލޭޖެހުމެވެ. ސެންޓޭގެ މި ލަނޑު ސޯޝަލް މީޑިޔާގައި މިހާރު ދައުރުވަމުން ދާއިރު ގިނަ ބަޔަކު ދަނީ މި ލަނޑަށް ތައުރީފް ކުރަމުންނެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ށ. މިލަންދޫ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ސައްޓު ނޮމިނޭޓް ވީ ލީގުގެ ދެވަނަ ބުރުގައި ގދ. ތިނަދޫ ކޮޅަަށް ޖެހި ލަނޑުންނެވެ. ދަނޑުގެ މެދާ ހަމައިން ލިބުނު ބޯޅަ ސައްޓު ގޯލުގެ ތެރެއަށް ފޮނުވާލީ ތިނަދޫގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާފައެވެ. އެ މެޗުގައި ސައްޓުގެ ފަރާތުން ވަނީ ހެޓްރިކެއް ފެނިފައެވެ.

މި ދެކުޅުންތެރިންގެ އިތުރުން ދެން މި އެވޯޑަށް ވާދަކުރަނީ ނިއު ރޭޑިއަންޓުގެ އިބްރާހީމް ފަޒީލް (އޮއްޕޮ) އާއި ޓީސީގެ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި އއ. މާޅޮސް ޓީމުގެ އަޙްމަދު އާރިފް (އާރީ) އެވެ.

އެންމެ މޮޅު ލަނޑަށްދޭ “ޖޫލޭ އެވޯޑް” ދޭނީ މާދަމާރޭ ބާއްވާ އެވޯޑު ނައިޓްގައެވެ. މޮޅު ލަނޑަށް ހޮވޭނީ އެންމެ ގިނަ މެސެޖު ލިބޭ ލަނޑެވެ. މެސެޖު ކުރުމުގެ ސުންގަޑިއަކީ މާދަމާރޭގެ 20:00 އެވެ.

އެސްއެމްއެސް ކުރާނެ ގޮތް

ސެންޓޭގެ ގޯލްތައް
MFA (SPACE) B send to 300
MFA (SPACE) E send to 300

ސައްޓުގެ ގޯލް
MFA (SPACE) F send to 300

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ހުއިސުން

    މިވެސް މޯލްޑިވިއަން އައިޑަލް ކަހަލަ ބިޒްނަސްއެއްތާ އެހެންވީމަ. އެއްމެ ގިނަ މެސެޖު ލިބޭ މީހަކު އެއްމެ މޮޅު ލަނޑަށް ހޮވޭނަމަ އެމީހަކީ މިތަނުން އެއްމެ މުއްސަނދި އާއިލާގެ ކުޅުންތެރިޔާ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.