ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ހަބަރު ގެނެސްދޭ ވެބްސައިޓް މޯލްޑިވްސްފުޓްބޯލް ގުޅިގެން ހޮވި ރާއްޖޭގެ މިއަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ބ. އޭދަފުށްޓަށް އުފަން ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ދިފާއުކޮށްފި އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ކުލަގަދަ އެވޯޑް ހަފުލާގައި ސެންޓޭ އެވޯޑް ކާމިޔާބުކުރީ، ނިއުގެ އަލީ އަޝްފާގް (ދަނގަޑޭ) އާއި ޓީސީ ސްޕޯޓްސްގެ އިބްރާހިމް މަހުދީ އާ ވާދަކޮށްގެންނެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސެންޓޭއާ ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ތަށި ކާމިޔާބުކުރި ނިއުގެ ޖާޒީގައި ސެންޓޭ ވަނީ 24 ލަނޑު ޖަހައި ރަންބޫޓް ވެސް ޖެހިޖެހިގެން ދެވަނަ ފަހަރަށް ހާސިލްކޮށްފަ އެވެ. އޭނާ އަށް މި އެވޯޑް ހަވާލުކޮށްދިނީ ފައުންޑާ އޮފް މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ޝިމާޒު އަލީ އެވެ.
ސެންޓޭ މި ހޯދި ފަހުރުވެރި ކާމިޔާބީއަށް “އީޓީ” ގެ ފަރާތުން މަރުހަބާ ކިޔަމެވެ.