ދެވަނަ ހާފުގެ ގޯލުތަކުން އޭދަފުށި މޮޅުވެއްޖެ

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ފަހަތުންއަރާ މިދިޔަ އަހަރުގެ ޗެމްޕިއަން ކިހާދޫ ބަލިކޮށް އޭދަފުށީގެ ފެށުން ރަގަޅު ކޮށްފިއެވެ. ދޮންފަނު ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުން އޭދަފުށި މޮޅުވީ 2-1 އިންނެވެ.

މެޗު ފެށިގެން 9 ވަނަ މިނެޓުގައި ކިހާދޫން ލީޑު ނެގީ ޙުސައިން އީމާން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އީމާން މި ލަނޑު ވައްދާލީ އަމިއްލަ ހާފް ތެރެއިން ލިބުނު ހިލޭ ޖެހުމަކުންނެވެ. ކިހާދޫގެ ލަނޑަށް ފަހު އޭދަފުށިން އެޓީމުގެ ކުޅުން ރަގަޅުކޮށް ގޯލް ޖަހާނެ ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. ފުރަތަމަ ހާފުގައި އޭދަފުށީ ޓީމުގެ ޢަލީ ނަސީމަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ދެފުރުސަތު ލިބިފައެވެ. ނަމަވެސް އޭރިޔާ ތެރޭގައި ހުސްކޮށްހުރެ އަލީ ފޮނުވާލި ދެބޯޅަވެސް ގޯލަށް އަމާޒުވާގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން އޭދަފުށީގެ ކުޅުން އިތުރަށް ރަގަޅުކޮށް ފުރުސަތު ތަނަވަސްކުރިއެވެ. އޭދަފުއްޓަށް އެއްވަރު ކޮށްދިނީ މެޗުގެ 50 ވަނަ މިނެޓުގައި މިމްރާހް އަބްދުލްއަޒީޒް އެވެ. މިމްރާހް ބޮލުން މި ލަނޑު ޖެހީ މެޗުގައި މޮޅަށް ކުޅުނު ސާހީ މުސާ ނަގައިދިން ހިލޭ ޖެހުމަކުންނެވެ. މެޗު އެއްވަރުވުމުން އޭދަފުށިން ވަނީ ކިހާދޫގެ ގޯލަށް އިތުރަށް ނުރައްކާ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 65 ވަނަ މިނެޓުގައި އޭދަފުށީގެ އިބްރާހީމް ޝަރީފް ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑު ޖަހަންވެސް މަގުފަހިކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސާހީ މޫސާ އެވެ.

މި މުބާރާތުގެ މެޗެއް މިއަދުވެސް ކުޅެވޭނެއެވެ. މމިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގޮއިދޫއާއި ދޮންފަނެވެ. މި ދެޓީމުވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ އެއްވަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.