ތައުލީމީ މަރުކަޒުގެ އާ އިމާރާތް ނިންމައި ސްކޫލާ ހަވާލުކޮށްފި

ބ. އަތޮޅު ތައުލީމީ މަރުކޒުގެ އާ އިމާރާތް. އެ އިމާރާތުގައި އަންނަ ދިރާސީ އާ އަހަރު ކިޔަވައިދޭނެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ނިންމައި، އިމާރާތް އެ ސްކޫލާ ހަވާލުކޮށްފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ އަހްމަދު އަލީ ވިދާޅުވީ، ސްކޫލުގެ ގޯތިތެރޭގައި ހެދި އާ އިމާރާތުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިދިޔަ ހަފްތާ އިމާރާތް ސްކޫލާ ހަވާލު ކޮށްފައިވާ ކަމަށެވެ.

“އިމާރާތް ނިންމައި އެޑިޔުކޭޝަނުން މިދިޔަ ހަފްތާ އިމާރާތް އަޅުގަނޑުމެންނާ ހަވާލު ވެސް ކޮށްފި. މިހާރު ކުރިއަށްދަނީ އަލިފާން ނިއްވާ ހަރުކުރުމުގެ މަސައްކަތް. އެކަން ވެސް ދެތިން ދުވަހެއްގެ ތެރޭ ނިމޭނެ،” އަހްމަދު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްކޫލްގެ އާ އިމާރާތުގައި، އަންނަ އަހަރުގެ ދިރާސީ އަހަރަކާ އެކު ކިޔަވައިދޭން ފެށޭނެ އެވެ.

މާރިސް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 2016 ގައި އިމާރާތް ކުރަން ފެށި 4 ބުރީގެ މި އިމާރާތުގައި 12 ކްލާސް ރޫމް ހުރެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަަތަށް 9 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. މިއީ ވޯލްޑް ބޭންކާއި ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއު ބ. އަތޮޅު ތައުލީމީ މަރުކަޒަށް އަމާޒުކުރީ އެ ސްކޫލަކީ ރަށުން ބޭރުން އެންމެ ގިނަ އަދަދަކަށް ތައުލީމު ހާސިލްކުރުމަށް އަންނަ ސްކޫލަށް ވެފައި އެ ސްކޫލުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި ވާތީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ވަނީ ބުނެ އެވެ.

ތައުލީމީ މަރުކަޒުގައި މިހާރު 800 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނައިރު، އެ ސްކޫލުގައި 23 ކްލާސް ރޫމް ހުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.