އޭދަފުއްޓާއި ގޮއިދޫގެ ކުރިމަތިލުން ހަމަހަމަ ވެއްޖެ

މިއަދު ހަވީރު އޭދަފުއްޓާއި ގޮއިދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އޭދަފުއްޓާއި ގޮއިދޫ ބައްދަލުކުރި ފޯރިގަދަ މެޗު ހަމަހަމަވެގެން ނިމިއްޖެއެވެ. ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ.

މިއަދުގެ މެޗު ފެށިގެން އޭދަފުށި ޓީމުން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އޭދަފުށިން މެޗުގައި ލީޑު ނެގީ މެޗުގެ 14 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ މިމްރާހް ޢަބްދުލްއަޒީޒް އެވެ. މިމްރާހް ވަނީ މީގެ ކުރިން އޭދަފުށި ކުޅުނު ދެމެޗުގައިވެސް ލަނޑު ޖަހާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ގޮއިދޫއަށް މާގިނަ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ދެވަނަ ހާފު ގޮއިދޫއިން ފެށީ އަނިޔާގެ ސަބަބުން އެޓީމުގެ ކީޕަރު އިބްރާހީމް ނިހާދުގެ ބަދަލުގައި އަހްމަދު ތަހްސީން ކުޅެން އަރުވައިގެންނެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން ގޮއިދޫ ޓީމުން ވަނީ މޮޅަށް ކުޅޭ އޭދަފުއްޓަށް ޕްރެޝަރ ބޮޑުކޮށްފައެވެ. މިގޮތުން ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓުގައި ގޮއިދޫ ޓީމުން ވަނީ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައި ގޮއިދޫގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފައްރާހް ސަލީމެވެ. އޭރިޔާ ބޭރުން ފައްރާހް ސަލީމް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. ގޮއިދޫގެ ލަނޑަށް ފަހުވެސް އެޓީމުންވަނީ އޭދަފުށީ ޑިފެންސަށް ބާރު ބޮޑުކޮށްފައެވެ.

ލަނޑެއް ޖެހުމަށްފަހު އޭދަފުށީ ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ގޮއިދޫން ލީޑު ނެގީ މެޗުގެ 50 ވަނަ މިނެޓުގައި ޢަލީ ޖަޒްލާން ޖެހި ލަނޑުންނެވެ. ލަނޑުޖެހިތާ މާގިނައިރެއްނުވެ އަލީ ޖަޒްލާންގެ އަތް ބިންދައިގެން ދިއުމުގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. ގޮއިދޫން މެޗުގައި ލީޑު ނެގުމުން އޭދަފުށިން ވަނީ ކުރިއަށްޖެހި ލަނޑެއް ޖަހަން މަސައްކަތް ކޮށްފައެވެ. މެޗުގައި އޭދަފުށިން އެއްވަރުކުރީ 69 ވަނަ މިނެޓުގައި ޢަލީ ނަސީމެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި ދެވަނަ ލަނޑެވެ.

މި މުބާރާތުގައި މާދަމާވެސް މެޗެއް ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ކިހާދޫއާއި ދަރަވަންދޫ އެވެ. ސެމީގެ ފަހު ޖާގަ ހޯދުމަށް ދަރަވަންދޫއަށް މި މެޗުން މޮޅުވުން މަޖުބޫރެވެ. މެޗު އެއްވަރު ކޮށްލައިގެންވެސް ކިހާދޫއަށް ސެމީގެ ޖާގައެއް ލިބޭނެއެވެ. މިއީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ދެޓީމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.