ބ. ފެހެންދޫ ފެނަކަ އޮފީހުގެ މުވައްޒަފުން މަސައްކަތް ކުރާނެ ތަނެއް ނެތި “މަގުމަތި” ވެއްޖެ އެވެ.
ފެނަކަ ފެހެންދޫ ބްރާންޗުގެ އިދާރީ އޮފީސް ހިންގަމުންދަނީ އެރަށު އަމިއްލަ މީހެއްގެ ގެ އެއް ކުއްޔަށް ހިފައިގެންނެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނީ ފެނަކައިން ކުއްޔަށް ހިފާފައިހުރި ގެއަށް ކުލި ނުދައްކާތީ، ގޭގެ ވެރިފަރާތުން އެތަނުން ނުކުންނަށް އެންގުމުން އިއްޔެ އެތަނުގައި ހުރި ތަކެތި އާ އިންޖީނުގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
“އެކަމަކު އާ އިންޖީނުގޭގައި އަދި ނެތް ކަރަންޓެއް ވެސް. ފެނަކައިން ނާންގާ މުވައްޒަފުންނަށް ނުކުންނަންވީ ކޮންތަނަކަށް ކަމެއް ވެސް، އެމީހުން މިއަދު ތިބީ ގޭގަ،”
އޭނާ ބުނި ގޮތުގައި ފެނަކަ އޮފީސް ހިންގުމަށް އެރަށުން ކުއްޔަށް ނަގާފައިވާ އެ އިމާރާތަށް ކުލި ނުދައްކާ މައްސަލަތައް މީގެ ކުރިންވެސް ވަނީ ކުރިމަތިވެފަ އެވެ.
“އޮފީހުގެ ތަޅުދަނޑި އަތުލުމުން އެ ފަހަރުގެ ކުލި ލިބުނީ،”