
މި ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގައި މޮޅު ކުޅުމެއް ދެއްކި އޭދަފުށްޓަށް އުފަން އިޝާން އިބްރާހިމް (ސައްޓު) އަންނަ ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެން ސޮއިކޮށްފިއެވެ. މިކަން ޓީސީގެ އިސް އޮފިޝަލަކު “އީޓީ”އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
މިއަހަރުގެ ސީޒަންގެ ދިވެހި ޕްރިމިއަރ ލީގާއި، އެފް އޭ ކަޕާއި، ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ ހޯދުމުގެ އިތުރުން އަންނަ އަހަރުގެ އޭ އެފްސީ ކަޕްގައިވެސް ކުޅުމުގެ ފުރުސަތު ހޯދައިފައިވާ ޓީސީއން ސައްޓުގެ ސޮއި މި ހޯދީ އޭނާ ގެންދިއުމަށް މި ސީޒަންގެ އެންމެ ގިނަ މުބާރާތް ކާމިޔާބުކުރި ނިއުރޭޑިއަންޓުންވެސް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދަނިކޮށެވެ.
ސައްޓުގެ ވަރަށް ގާތް ރައްޓެއްސެއްގެ ފަރާތުން “އީޓީ” އަށް އެނގިފައިވާ ގޮތުގައި ސައްޓު ޓީސީ އަށް ކުޅެން ނިންމި ފަހުންވެސް ނިއުރޭޑިއަންޓުން އޭނައަށް ހުށަހެޅުން އައެވެ. އެކަމަކު ޓީސީއާ ގުޅެން ސައްޓު ނިންމީ އެ ކްލަބުގެ ހުށަހެޅުން ހުރިހާ ގޮތަކުންވެސް ރަނގަޅުވުމުން ކަމަށް “އީޓީ” އަށް އެނގިފައިވެއެވެ.
ސައްޓު ޓީސީއާ ގުޅުނުކަން ކަށަވަރުކޮށްދެމުން ޓީސީ ގެ އިސް އޮފިޝަލު ބުނީ ސައްޓުއަކީ އަންނަ ސީޒަނަށް އެ ކްލަބަށް އެންމެ ގެންނަން ބޭނުންވި ކުޅުންތެރިޔާ ކަމަށާއި، އެޓީމުގައި މިހާރުވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް ވަހީދު (ފޭދޫ އިއްބެ) އާއެކު ޓީސީގެ ފޯވާޑް ލައިންގައި ކުޅެން ސައްޓު އަށްވުރެ ރަނގަޅު ކުޅުންތެރިޔަކު ނެތް ކަމަށެވެ.
“މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ސައްޓުއާ މެދު ކޯޗާއި މެނޭޖްމެންޓްގެ ފުރިހަމަ އިތުބާރު އެބައޮތް”. ޓީސީ ގެ އޮފިޝަލު ބުންޏެވެ.
ސައްޓު ހޯދުމަށް ޓީސީ އިން މިހާ ބޮޑަށް މަސައްކަތްކޮށްފައި މިވަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންއައި ޒުވާން ކުޅުންތެރިޔާ ނާއިޒް ހަސަން (ދާދު) އަންނަ އަހަރު މާޒިޔާއަށް ބަދަލުވާން ނިންމުމާ ގުޅިގެން ދާދު ނެތްތަން ފޫބެއްދުމުގެ ގޮތުން ކަމަށް ބެލެވެއެވެ. “އީޓީ” އަށް އެނގިފައިވާ ގޮތުގައި ސައްޓު ޓީސީ އަށް ސޮއި ކުރީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އެކަމަކު ޓީސީއަށް ކުޅެން ނިންމީ ކިހާވަރެއްގެ އަގަކަށް ކަމެއް އަދި ނޭނގެއެވެ.
މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގްގައި ކުޅުނު ށ. މިލަންދޫ ޓީމުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ސައްޓު ވަނީ ލީގުގައި އޭނާ ކުޅުނު 13 މެޗްގައި 8 ގޯލް ޖަހައި 5 މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދައިފައެވެ.