ކެންދޫގައި ރައީސާ ދެކޮޅު ޝުއޫރު ފާޅުކުރަން އުޅުމުން ހުއްޓުވައިފި

ރައީސް ޔާމީން، ކެންދު އަށް ވަޑައިގެން ތުއްތު ކުއްޖަކާ މިއަދު ވާހަކަފުޅު ދައްކަވާލައްވަނީ.

ރައީސް އަބްދުﷲ ޔާމީން މިއަދު މެންދުރުފަހު ބ. ކެންދު އަށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށް ޝުއޫރުފާޅުކުރަން ތައްޔާރުކުރި ލިއުންތައް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަތުލައިފި އެވެ.

އެރަށު މީހަކާ “މިހާރު” ނޫހަށް ބުނިގޮތުގައި ރައީސާ ދެކޮޅަށް ޝުއޫރު ލިޔެފައިވާ ބޯޑްތަކެއް ހިފައިގެން ބަނދަރުގައި ސަރަހައްދުގައި ތިއްބާ ފުލުހުން ވަނީ ކޯޓު އަމުރު ދެއްކުމަށް ފަހު އެތަކެތި އަތުލައިފަ އެވެ. އެ ބޯޑްތަކަކީ އެރަށަށް ރައީސް ކޮށްދޭން ވިދާޅުވި ބައެއް ކަންކަން ނުވާތީ އެ ވާހަކަ ލިޔެފައިވާ ބޯޑްތަކެއް ކަމަށް އެ މީހާ ބުނިކަމަށް މިހާރު ނޫހުގައި ވެ އެވެ.

ރައީސް ޔާމީން އުތުރުގެ ތިން އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެންދުއަށް މިއަދު ވަޑައިގަތީ މަރާމާތަށް ފަހު އެރަށުގެ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވުމަށާއި އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށެވެ.

އެ ދަތުރުފުޅާ ދިމާކޮށް ހެދި ލިއުންތައް ނަގަން ފުލުހުންގެ މައްޗަށް އަމުރުކުރީ ބ. އޭދަފުށީ ކޯޓުންނެވެ.

އޭދަފުށީ ކޯޓުގެ އަމުރުގައިވާ ގޮތުން އެ އަމުރު ނެރުނީ ރައީސްގެ ދަތުރުފުޅާ ދިމާކޮށް، އެކި ތަންތަނަށް އެއްވެ، މަސްލަހަތު ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެވެ. ކޯޓުގެ އަމުރުގައި އަންގާފައި އޮތީ އިސްލާމީ ޝަރީއަތާއި ގާނޫނާ ޚިލާފަށް، ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ބެނާތައް ނެގުމަށެވެ.

ލިބިފައިވާ ހެކީގެ ގޮތުގައި އެ އަމުރުގައި އޮތީ ފުލުހުންނަށް ލިބިފައިވާ ސިއްރު މައުލޫމާތެވެ. އެ އަމުރު ނެރުނީ ފުލުހުންގެ ހުށަހެޅުމަކަށެވެ.

މީގެކުރިން ވެސް ބައެއް ރަށްރަށަށް ރައީސް ޔާމީން ވަޑައިގަތުމާ ދިމާކޮށް، އެމަނިކުފާނާ ދެކޮޅަށް ރަށްރަށުުގައި ދަމާފައި ހުރި ބެނާތައް ނަގާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.