ކާމިޔާބު ލިބޭނީ ރައްޔިތުންނަށް އޯގާތެރި ލީޑަރުންނަށް: ސަލީމް

ރައީސް ޔާމީން މިއަދު އޭދަފުއްޓަށް ވަޑައިގެންނެވުމުން ސަލީމް މަރުހަބާ ދަންނަވަނީ: އީޓީ ފޮޓޯ/ތޯރިގް

ކާމިޔާބު ލިބޭނީ ރައްޔިތުންނަށް އޯގާތެރި ލީޑަރުންނަށް ކަމަށާއި އިދިކޮޅު ފަރާތްތަކާ މެދު ވެސް އޯގާތެވާނަމަ އެ މީހުން ވެސް މަޑުމަޑުން ބަދަލުވާނެ ކަމަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

އޭދަފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރަން މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ކާމިޔާބު ލިބޭނީ ވަކި ލީޑަރަކު އިސްކޮށް ބަހައްޓައިގެން ނޫން ކަން އިސްލާމީ ތާރީހުން ސާބިތުވާ ކަމަށެވެ.

“ކާމިޔާބު ލިބޭނީ އިހްލާސްތެރިކަމާއެކު ރައްޔިތުންނަށް ހެޔޮ ހިތުން ހިދުމަތްކޮށްދީ، ހަރުކަށި ކަމެއް ނެތި، ތެދުވެރިކަމާއެކު މަސައްކަތް ކުރާ ލީޑަރަކަށް، އެ މީހަކަށް ރައްޔިތުން ވެސް ލޯބި ވެސް ލިބޭނެ، އަދި އެފަދަ އޯގާތެރިކަމެއް އިދިކޮޅު ފަރާތްތަކަށް ދައްކާނަމަ އިދިކޮޅު ފަރާތްތަކުން ވެސް އަންނާނީ މަޑުމަޑުން ބަދަލުވަމުން،” ސަލީމް ވިދާޅުވި އެވެ.

“އިންސާނުންނަށް ބޭނުންވާނީ އޯގާތެރިކަމާއި އިހްލާސްތެރިކަން، އެ އޯގާތެރިކަމާއި އިހްލާސްތެރިކަން ލިބޭ ކަމަށްވަންޏާ މަޑުމަޑުން އައިސް އެންމެން ވެސް ބަދަލުވުމަކީ ވެސް ދުރު ކަމެއް ނޫން،”

ސަލީމް ވިދާޅުވީ ކުށަކަށް އަދަބު ލިބެން ޖެހޭ ފަރާތްތަކަށް އޭގެ ހައްގު އަދަބު ދިނުމަކީ އެއީ ހަރުކަށިވުމުގެ މިސާލެއް ނޫން ކަމަށާއި އެފަދަ ގޮތަކަށް އަނިޔާވެރިކަމަކީ ވެސް ވަރަށް ފުޅާ ދާއިރާއެއްގައި މާނަަ ނެގިދާނެ އެއްޗެއް ކަމަށެވެ.

އަދި ރައީސް ކަމަށް މީހަކު ހޮވާއިރު ރައްޔިތުންނަށް އަޅާލައި، ގައުމުގައި ކަންކަން އެންމެ ރަނގަޅަށް ހިންގޭނީ ކޮން ކަހަލަ ވިސްނުމެއް ހުރި މީހެއްތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

“އިސްލާމް ދީނާ ދޭތެރޭގައި އޯގާތެރިކަމާއި ފަރުވާ ތެރިކަމާއެކީ މަސައްކަތް ކުރާނީ ކޮން ލީޑަރެއްތޯ ވެސް ބަލަން ޖެހޭ،”

ސަލީމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ފަހު ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ މަޖިލީސް މެންބަރުންނާ ބައްދަލު ކުރެއްވުމުން، ބައެއް އިދިކޮޅު ލީޑަރުން ސަރުކާރަށް އަނބުރާ ގެނައުމަށް މަސައްކަތް ފެށުމަށް އެދިވަޑައިގަތް ކަމަށެވެ.

އަދި މަޝްވަރާތަކަށް ފަހު ރައީސް ޔާމީން އެރުއްވި ހިޔާލަކީ ޕީޕީއެމްގެ މިހާރުގެ އޮތް ޓީމު ގޮވައިގެން އިހްލާސްތެރިކަމާއެކު މަސައްކަތްކޮށް ކުުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކަމަށް ސަލީމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.