އޭދަފުށީ ރައްޔިތުން ވޯޓުން ރައީސް ޔާމީނަށް ބޮޑު ނަތީޖާ ދައްކާނެ: ސަލީމް

ރައީސް ޔާމީން މި ރަށަށް ވަޑައިގެން ބައެއް މީހުންނާ ސަލާމް ކުރައްވަނީ.

އަންނަ ރިޔާސީ އިންތިހާބުގައި އޭދަފުށީ ރައްޔިތުންގެ ވޯޓުން ރައީސް ޔާމީނަށް ބޮޑު ނަތީޖާ ދައްކާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

އޭދަފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް މިއަދު ހަވީރު މިރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގެން ދުވަހުން ފެށިގެންވެސް އޭދަފުއްޓާ މެދު ހާއްސަ ގޮތްތަކެއް ބެހެއްޓެވި ކަމަށެވެ. އެހެންކަމުން އޭދަ ފުށީ ރައްޔިތުން ރައީސް ޔާމީނަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

“އަޅުގަނޑުމެން ވަރަށް ކުރިންސުރެއް ޒަމާނުއްސުރެ ކުރަމުން އައި އުންމީދެއް (ބިން ހިއްކުން) މި ހާސިލް ވެގެން މިދިޔައީ. މިއީ އަޅުގަނޑުމެން އެންމެހާ ރައްޔިތުން ރައީސް ޔާމީނާ ދޭތެރޭގައި ޝުކުރު އަދާކުރަން ޖެހޭ ކަމެއް،” ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ފެންނަނީ އެންމެންނާ މެދު ވެސް އޯގާތެރިކޮށް އަމަލުކުރައްވާ މަންޒަރު ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އޭދަފުއްޓަށް ވަޑައިގަތުމުން، ދާއިރާގެ މަޖިލިސް މެންބަރު ސަލީމް މަރުހަބާ ވިދާޅުވަނީ.—ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ ސިޔާސީ ވަކި ބޭފުޅަކު ނެތިގެން ކާމިޔާބު ނުލިބޭ ކަމަށް ގަބޫލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ރައީސް ޔާމީނަކީ މަޝްވަރާ ކުރުމުން މިސާލު ދައްކަވާ ބޭފުޅެއްކަން ފާހަގަކޮށް ސަލީމް ވިދާޅުވީ ނާކާމިޔާބީތަކުގައިވެސް ރައީސް ޔާމީން ޕާޓީގެ މެމްބަރުންނާ މަޝްވަރާ ކުރައްވާފައި އެބަހުރި ކަމަށެވެ.

އޭދަފުށީގައި މިއަދު ރައީސް ހުޅުއްވައި ދެއްވީ 25.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު އެކެވެ. އެއީ މިހާރު އޭދަފުށީގައި މީހުން ދިރިއުޅޭ ސަރަަހައްދާ އެއްވަރުގެ ސަރަހައްދެކެވެ.

މީގެއިތުރުން މިއަދު ރައީސް ޔާމީން ވަނީ މިރަށުގެ ބޯފެނުގެ މަޝްރޫއު ވެސް ރަސްމީކޮށް ފައްޓަވައި ދެއްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.