ޕެނަލްޓީ ޖަހައިގެން ކިހާދޫ ބަލިކޮށް އޭދަފުށި ފައިނަލަށް

ކިހާދޫ އާއި އޭދަފުށީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕެނަލްޓީ ޖަހައިގެން 8-9 އިން އެންމެ ފަހުގެ ޗެމްޕިއަން ކިހާދޫ ބަލިކޮށް އޭދަފުށީ ޓީމު ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

މިއަދުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ.

އޭދަފުއްޓަށް މެޗުގެ 20 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މި މުބާރާތުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސާހީ މޫސާ އެވެ. ކިހާދޫން ޖެހި ފުރަތަމަ ލަނޑަކީ އޭދަފުށީގެ އަފްރާހު އަބްދުލްއަޒީޒު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ކިހާދޫ އަށް މެޗުގެ 70 ވަނަ މިނިޓްގައި ލީޑް ނަގައިދިނީ އަލީ އަނީސް އެވެ.

އޭދަފުށިން އެއްވަރުކުރީ މެޗު ނިމެނިކޮށް މިމްރާހް އަބްދުލްއަޒީޒު ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޕެނަލްޓީގައި އޭދަފުށިން ކުރި ހޯދީ ހަތް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްގެންނެވެ. އޭދަފުށިގެ ޕެނަލްޓީތައް ފޮނުވާލީ އަހްމަދު ޝިޔާން، މުހައްމަދު ހަންމާދު، އުނައިސް ޒުބައިރު، އަލީ ނަސީމް، އަފްރާހް އަބްދުލް އަޒީޒު، ރަޒާން ރަޝީދު އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝާހީ މޫސާ އެވެ.

ކިހާދޫން ވަނީ ހަތް ޕެނަލްޓީގެތެރެއިން 6 ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ކިހާދޫން ފާހިރު ނަސީރު އާއި މުހައްމަދު މާއިޝް އާއި އަލީ ފަރުހާން، ހުސައިން ސާމިރު އަދި އަހްމަު މިފްޒާލް ޕެނަލްޓީ ކާމިޔާބު ކުރިއިރު، އެ ޓީމު ބަލިވީ އަލީ އަނީސްގެ ޕެނަލްޓީ ގެއްލުމުންނެވެ. އަނީސްގެ ޕެނަލްޓީ ކިޕާރުވަނީ މަތަކޮށްފަ އެވެ.

މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި މާދަމާ ގޮއިދޫ ބައްދަލުކުރާނީ ދޮންފަނާ އެވެ. މުބާރާޓުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.