ކުރި މަގުގައި ތުޅާދޫ ފެންނާނީ ޕީޕީއެމްގެ ވަރުގަދަ ރަށެއްގެ ގޮތުގައި: އަބްދުއްރަހީމް

ބ. ތުޅާދޫގައި އަދި ޕީޕީއެމް އެހާ ވަރުގަދަ ނުވިއަސް ކުރިމަގުގައި އެ ރަށް ފެންނާނީ، ޕީޕީއެމްގެ ވަރަށް ވަރުގަދަ ރަށެއްގެ ގޮތުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ބ. ތުޅާދޫގައި ވިދާޅުވެއްޖެ އެވެ.

އުތުރުގެ ތިން އަތޮޅަކަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާ އެކު އިއްޔެ ތުޅާދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ތުޅާދޫން އެމްޑީޕީގެ ފިކުރު ފޮހެލުމުގެ ވިސްނުން ރައްޔިތުން ގެންގުޅެން ފަށަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ ފިކުރަކީ އެއްވެސް ރަށެއްގައި ގެންގުޅެންވާނެ ފިކުރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް މިގޮތަށް ވާހަކަ ދެއްކެވިއިރު، ރައީސަށް މަރުހަބާ ދަންނަވަން، ރީނދޫ ޓައީގައި އެމްޑީޕީގެ ތިން ކައުންސިލަރުން ވެސް ބަނދަރު މައްޗަށް ވަޑައިގެންނެވި އެވެ. އަދި ޖަލްސާގައި ވެސް އެމްޑީޕީގެ ބައެއް ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އޭނާ ވިދާޅުވީ ތުޅާދޫ ރައްޔިތުން ތަރައްގީ ބޭނުންވާ ނަމަ ރައީސް ޔާމީން 2018 ގައި ވެރިކަމަށް ހޮވައިދޭން ޖެހޭ ކަމަށެވެ. އެ ރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ދެން ވެސް ކުރިއަށް ގެންދެވޭނީ އޭރުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.