ދަތުގެ ފަރުވާއަށް ހާއްސަ ޑެންޓިސްޓަކު ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ސްޕެސަލިސްޓް ޑޮކްޓަރަކާއެކު ދާއިމީ ގޮތެއްގައި ދަތުގެ ފަރުވާ އެ ހޮސްޕިޓަލުން ލިބޭނެ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ދަތުގެ ހާއްސަ ޑޮކްޓަރަކާއެކު ހިދުމަތް ދޭން ފެށުމާއެކު ދަތަށް ދިމާވާ ސިއްހީ އާންމު ހުރިހާ މައްސަލައަކަށްވެސް މިހާރު އެހޮސްޕިޓަލްގައި ފަރުވާ ދޭނެ ކަމަށެވެ. ނަމަވެސް ދަތުގައި ފުޓްނި އެޅުމާއި، ރޫޓް ކެނަލް ހެދުމާއި ދަތް ޖެހުން ކަހަލަ ހިދުމަތްތައް ފަށަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
24 ގަޑިއިރު ހިދުމަތް ދެމުން އަންނަ ބ. އަތޮޅު ހޮސްޕިޓަލްގައި 4 ދާއިރާއެއްގައި މިވަގުތުވެސް ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ފޯރުކޮށްދެމުން ގެންދެ އެވެ. އެއީ އަންހެނުންގެ ހާއްސަ ޑޮކްޓަރާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަދި ހޭނައްތާ ޑޮކްޓަރެއްގެ އިތުރުން މިއަހަރު އަލަށްފެށި ސާޖަރީ ޑޮކްޓަރުގެ ހިދުމަތެވެ.