އޭދަފުއްޓާއި ގޮއިދޫ އަނެއްކާވެސް ވާދަވެރި ފައިނަލަކަށް، ދެޓީމު ވެސް އުއްމީދުގައި

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގަިއ އޭދަފުއްޓާއި ގޮއިދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު އޭދަފުއްޓާއި ގޮއިދޫ ބައްދަލުކުރާއިރު، މެޗުން މޮޅުވެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ދެޓީމުންވެސް ބުނެފިއެވެ. އޭދަފުއްޓާއި ގޮއިދޫގެ ޒުވާން ފުޓްބޯޅަ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ މިއަދު ހަވީރު ދޮންފަނު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެޓީމު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގެ ކުރިން “އީޓީ” އާއި ވާހަކަދައްކަމުން ގޮއިދޫ ޓީމުގެ މެނޭޖަރު އަޙްމަދު ރިޔާޒް ބުނީ މުޅި ޓީމަށް ބަލާއިރު އޭދަފުއްޓަކީ މި މުބާރާތުގެ އެންމެ ރަގަޅު ޓީމު ކަމަށާއި، އެކަމުވެސް ގޮއިދޫއަކީ އަބަދަވެސް އޭދަފުއްޓަށް ރަގަޅު ޗެލެންޖެއް ދޭނެ ޓީމެއް ކަމަށެވެ.

“އޭދަފުށި ޓީމަކީ ވަރަށް މޮޅު ޓީމެއް. ކުޅުންވެސް ވަރަށް ރީތި. އެކަމު ބަލި ނުކުރެވޭ ވަރުގެ ޓީމެއް ނޫން. އަހަރެމެން މި އަންނަނީ މެޗަކަށްފަހު މެޗެއް ރަގަޅު ކުރަމުން. މި މެޗުގައި އަނިޔާގެ ސަބަބުން އެއް ނަންބަރު ކީޕަރަށް ނުކުޅެވުން ނޫން އިތުރު މައްސަލައެއް ޓީމަކު ނެތް. އެހެން ވިޔަސް ބަދަލުކީޕަރާ އެކު އުއްމީދަކީ ބަލިކުރުން” ރިޔާޒް ބުންޏެވެ.

ގޮއިދޫގެ އެއް ނަންބަރު ކީޕަރު އިބްރާހީމް ނިހާދަށް އަނިޔާވެފައި ވާތީ އެޓީމުގެ ގޯލު މިއަދު ބަލަހައްޓާނީ ބަދަލު ކީޕަރު އަޙްމަދު ތަހްސީން އެވެ.

އޭދަފުށިން ޒުވާން ފުޓްބޯޅަ ޓީމް

އޭދަފުށީ ޓީމުގެ ހެޑް ކޯޗު ޝާފީ އަލީ ބުނީ، މި ލެވެލްގައި އޭދަފުށީ ޓީމު ރަގަޅު ވާނެކަމަށާއި، ފައިނަލަކަށް ނިކުންނަ އިރު ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އޮންނާނެ ކަމަށެވެ.

“މި ލެވެލްގައި އޭދަފުށީ ޓީމު ހުނަރުގެ ގޮތުން ރަގަޅު. އެޓީމުގެ ބަލިފައިތައް ބޭނުންކޮށްގެން ނަތީޖާ ނެރެން މަސައްކަތް ކުރާނީ. ފައިނަލެއް ވީމަ ކުޅުންތެރިންނަށް ޕްރެޝަރެއް އޮންނާނެ. އެކަމަށްވެސް ކުޅުންތެރިން ވަރަށް ރަގަޅަށް ތައްޔާރުކޮށްފިން. އެހެންވީމަ އުއްމީދަކީ ގޮއިދޫ ބަލިކުރުން. ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓް ކުރާށޭ،” ޝާފީ ބުންޏެވެ.

ގޮއިދޫ ޒުވާން ޒުވާން ފުޓްބޯޅަ ޓީމު

މިއަދުގެ މެޗަށް ނިކުންނަ އިރު ޝާފީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުހިއްމު ދެ ކުޅުންތެރިއަކު އަނިޔާގައި ހުރުމެވެ. އޭދަފުށީ ޓީމުން އަނިޔާގައި ތިބީ އިބްރާހީމް ޝަރީފް އަދި ޖާހު ޖާދުﷲ އެވެ. އިބްރާހީމް ޝަރީފަކީ މި މުބާރާތުގައި އޭދަފުށީ ޓީމަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާއެވެ. އޭނާއަށް އަނިޔާވީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދޮންފަނާއި ވާދަކުރި މެޗުގައެވެ.

މި ދެރަށުގެ ސީނިއަރ ޓީމު ވަނީ މީގެ ކުރިން އޭދަފުށީގައި ބޭއްވި އެޓޯލް ފުޓްބޯޅަ ޗެލެންޖުގެ ފައިނަލުގައި ދެފަހަރަކު ބައްދަލުކޮށްފައެވެ. މި ދެ އަހަރުވެސް މޮޅުވީ ގޮއިދޫ އެވެ. 2012 ވަނަ އަހަރު ފައިނަލުން ޕެނަލްޓީ ޖަހައިގެން އެޓީމުން މޮޅުވި އިރު 2014 ވަނަ އަހަރު މޮޅުވީ 4-1 އިންނެވެ.

މިއަދުގެ މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދެރަށުންވެސް ދޮންފަނަށް ދާނެކަމަށް ބެލެވެއެވެ. މެޗު ފަށާނީ 15:45 ގައެވެ. މި މެޗު “އީޓީ” ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.