
ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 10-9 އިން އޭދަފުށި ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ގޮއިދޫ ހޯދައިފިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރުވީ 3-3- އިންނެވެ. މިއަދުގެ މެޗުގައި އޭދަފުށި ޓީމުން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި މެޗަކީ އަތޮޅު ފުޓްބޯޅައިގައި މިހާތަނަށް ކުޅުނު އެންމެ ފޯރިގަދަ މެޗެވެ. މިއަދުގެ މެޗު ބެލުމަށް ވަރަށް ގިނަ އަދަދެއްގެ މީހުން ދޮންފަނަށް ގޮސްފައިވެއެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖެހީ އޭދަފުށި ޓީމެވެ. މި ލަނޑު 23 ވަނަ މިނެޓުގައި ޖެހީ މިމްރާހް އަބްދުލް އަޒީޒް އެވެ. ގޮއިދޫ ޓީމުން އެއްވަރުކުރީ މެޗުގެ 26 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ މާހިދުއެވެ. މެޗުގައި ގޮއިދޫން ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ނާސިހް ޔޫސުފް ޖަހައިދިން ލަނޑުންނެވެ. ދެވަނަ ހާފު ފެށިގެން ގޮއިދޫ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޝަމްއޫން ޖަމީލް އެވެ. މަދު ހަމަލާތަކެއް އުފެއްދި ނަމަވެސް ގޮއިދޫ ޓީމުން ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފާފައެވެ.
ގޮއިދޫން މެޗުން މޮޅުވާން ދަނިކޮށް އޭދަފުށި ޓީމުން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 3-3 އަށް ބަދަލުކޮށްލާފައެވެ. އޭދަފުށީ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖެހީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ނަސީމް އެވެ. މެޗުގައި އޭދަފުށިން އެއްވަރު ކުރި ލަނޑު 70 ވަނަ މިނެޓުގައި ޖެހީ އުނައިސް ޒުބައިރެވެ. އެއްވަރު ކުރުމަށްފަހުވެސް އޭދަފުށިން ވަނީ މޮޅަށް ކުޅެ އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ.
ޕެނަލްޓީއަށް ގޮއިދޫ ޓީމުން ވަނީ އަނިޔާގައި ހުރި އެޓީމުގެ އެއް ނަންބަރު ކީޕަރު އިބްރާހީމް ނިހާދު ކުޅެން އަރުވާފައެވެ. މެޗުގައި ގޮއިދޫ ޓީމުން ޖެހި 11 ޕެނަލްޓީގެ ތެރެއިން ވައްދާނުލެވުނީ އެންމެ ޕެނަލްޓީ އެކެވެ. އެޓީމުގެ ނާސިހު ޔޫސުފް ޖެހި ޕެނަލްޓީ އޭދަފުށީ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ޝާން ވަނީ މަތަކޮށްފައެވެ. އޭދަފުށީ ޓީމުން ނާކާމިޔާބު ވީ މުހައްމަދު މާއިޝް އަދި މުހައްްމަދު ޝާން ޖެހި ޕެނަލްޓީއެވެ. މި ދެ ޕެނަލްޓީވެސް ގޮއިދޫ ޓީމުގެ ކީޕަރު ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.
ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަހަރު ފަސް ރަށަކުން ވާދަކޮށްފައިވެއެވެ. މިއީ ގޮއިދޫ އަދި އޭދަފުށިވެސް މި މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގޮއިދޫ ޓީމަށް “އީޓީ” ގެ ފަރާތުން މަރުހަބާ ކިޔަމެވެ.




Goidhoo hamamolhý dhn lalalaa
Eydhafushi dh lalalaaa
Eydhafushi meehunnakah goidhoo bahyeh nukurevayne ehves kulhivarakun inshaa allh