އިންވިޓޭޝަން ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހިތޭ އަށް

ސާހީ މުސާ (ހިތޭ)

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އޭދަފުށީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ސާހީ މުސާ (ހިތޭ) އަށް ލިބިއްޖެއެވެ.

ހިތޭ ވަނީ މިފަހަރުގެ މުބާރާތުގައި އޭދަފުށީ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކާ އެއް ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ގިނަ ލަނޑުތަކެއް ޖަހަން އޭނާ ވަނީ ފުރުސަތު ތަނަވަސް ކޮށްދީފައެވެ. ހިތޭ ވަނީ މުބާރާތުގެ ތިން މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގްރޫޕް ސްޓޭޖް އަދި ސެމީ ފައިނަލުގައި ކިހާދުއާއި ބައްދަލުކުރި މެޗާއި ގްރޫޕް ސްޓޭޖުގައި ދަރަވަންދުއާއި ބައްދަލުކުރި މެޗުގައެވެ.

މިފަހަރުގެ މުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިޔާގެ މަގާމް ލިބުނީ ދޮންަފަނު ޓީމުގެ އަހްމަދު އިފްހާމް އަށެވެ. އުއްމީދީ ކުޅުންތެރިޔާގެ މަގާމް އެޓީމުގެ ފައްރާހް ސަލީމަށް ލިބުނު އިރު އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމް ލިބުނީ އޭދަފުށީ ޓީމުގެ މުހައްމަދު ހިޝާން އަށެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ދެ ކުޅުންތެރިއަކު ވަނީ ހޮވިފައެވެ. ފަސް ލަނޑު ޖަހައިގެން މި މަގާމް ލިބުނީ ކިހާދޫ ޓީމުގެ ހުސައިން އީމާން އަދި އޭދަފުށީ ޓީމުގެ ފޯވާޑް މިމްރާހް އަބްދުލް އަޒީޒަށެވެ. މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފްވެރި މެހްމާނަކީ ފުޓްބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދެމުންދާ މަޝްހޫރު ކޯޗު އަލީ ސުޒޭނެވެ.

އިންވިޓޭޝަން ކަޕްގެ މިއަހަރުގެ މުބާރާތް ގޮއިދޫ ޓީމުން ކާމިޔާބު ކުރީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޕެނަލްޓީގައި އޭދަފުށި ބަލިކޮށްގެންނެވެ. ދޮންފަނު ޒުވާނުންގެ ރޫހުން މި މުބާރާތް ބޭއްވި މިއީ ދެވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ރަށަކުން ބައިވެރިވިއެވެ. އަންނަ އަހަރުވެސް މި މުބާރާތް އޮންނާނެ ކަމަށް ދޮންފަނު ޒުވާނުންގެ ރޫހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.