މަގުހެދުން ދިގުލައިގެންދާތީ ކައުންސިލުން ކަންބޮޑުވެއްޖެ!

އެމްއާރުޑީސީން އޭދަފުށީ މަގުހެދުމުގެ މަސައްކަތް ކުރަނީ—އީޓީ ފޮޓޯ

ބ. އޭދަފުށި މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ މުއްދަތަށް ނުނިމުމުން ކައުންސިލުން ކަންބޮޑުވުންފާޅު ކޮށްފި އެވެ.

އޭދަފުށީގެ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި ހަވާލުކޮށްގެން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. ގާތްގަނޑަކަށް 33 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްއާރްޑީސީން ފަށާފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލާ ގޮތަށެވެ.

މަސައްކަތް ނުނިމި ދިގުލައިގެން ދާތީ، އެކަމާ ކަންބޮޑުވުންފާޅު ކުރައްވަމުން އޭދަފުށީ ކައުންސިލް މެމްބަރު ނައުޝާދު އަހްމަދު ވީ ނިއުސް އަށް ވިދާޅުވީ މަގުތަށް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ސަރުކާރުން ބުނާ ދުވަހަކަށް ނުނިމޭނެ ކަމަށާއި މިހާރު ކުރިއަށްދާ ސްޕީޑް ބާރު ނޫން ކަމަށެވެ.

“މަގުތަކުގެ މަސައްކަތްތަށް މިހާރު ކުރަމުންދާ ސްޕީޑަށް ބަލާއިރު އެ މަސައްކަތް ނިމޭނެ ދުވަހެއްވެސް ނޭނގޭ. މިކަމާ ގުޅިގެން ވަރަށް ގިނަ ރައްޔިތުން ކައުންސިލަށް ޝަކުވާ ވެސް ހުށަހަޅާ،” ނައުޝާދު ވީ ނިއުސް އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގުތަކުގެ މަޝްރޫއު ކުރިއަށްދާ ގޮތުން ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށާއި މަގުތަކުގެ މަސައްކަތް ކުރުމަށް މަގުތަށް ކޮނެފަ ހުރުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް އެކަމުގެ އުދަނގޫވާކަމަށެވެ. އަދި ދުވާރު ހަދާ ނިމިފައިވާ މަގުތަކުގައި ދުވާރަށް ހާއްސަކޮށްފައިވާބައި މާ ފުޅާ ކަމަށް ފެންނާތީ އެކަމުގެ ޝަކުވާވެސް ރައްޔިތުން ކުރާ ކަމަށެވެ.

“ވަރަށް ގިނަ ރައްޔިތުން ތިބީ ޕޭމެންޓްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ. މިސާލަކަށް ފުޅާ މިނުގަ 15 ފޫޓު ހުންނަ މަގެއްގަ ޕޭމެންޓުގެ ފުޅާ މިނުގަ މިހުންނަނީ ގާތްގަނޑަކަށް ހަތަރު ނޫނީ ފަސް ފޫޓު. ދެން ތާރު އެޅުމަށްފަހު ގިނަ މަގުތަށް ހުންނާނީ އެއްކޮޅަށް ދުއްވޭ ގޮތަށް ހަދާފަ. މިހެން ހެދީމަ ޓްރެފިކް ކަންތައް ކިހާ ބޮޑުވާނެ. މިކަމުގެ ޝަކުވާ ވަރަށް އާދޭ. ދެން މަގުތަށް ހަދަން ފަސްގަނޑު އެއްވަރު ކުރަން މި ކޮންނަނީ. ކޮނުނީމަ ފަސްގަނޑު މަޑުވާނެ. އާންމު ދަތުރުތަކަށް ވަރަށް ދަތިވޭ މިހެންވީމަވެސް. އަދި އުމުރުން ދުވަސްވީ މީހުންނަށްވެސް ހިނގާ ބިނގާވެ އުޅެން އުދަނގޫ މިމަގުތަކުގަ،” އޭދަފުށީ ކައުންސިލުގައި ހިމެނޭ އެމްޑީޕީގެ ހަމައެކަނި މެންބަރު ނައުޝަދު ވިދާޅުވި އެވެ.

މަގުތަކުގެ ތާރު އަޅަން ފަށާނެ ދުވަހެއް ނޭނގޭ ކަމަށް ވިދާޅުވެ ނައުޝާދު ވިދާޅުވީ ސަރުކާރުން މިހާރު ތާރު އަޅަން ނިންމާފައިވާ މަގުތަކުގައި ތާރު އެޅި ނަމަވެސް ރައްޔިތުންނަށް އެކަމުން ލިބޭނެ ލުއި ފަސޭހަ އެއް ނެތް ކަމަށެވެ.

“މިހާރު ތާރު އަޅަން ނިންމާފައިވާ މަގުތަކުގަ ތާރު އެޅުމުން ދެން ބާކީ ހުރި މަގުތަކުގަ ވާރޭ ވެހުނީމަ ވަރަށް ބޮޑަށް ފެންބޮޑުވާނެ. އަސްލު އެހެންވެ އެ މަގުތަކުގަ ތާރު އަޅައިދިނުމަށް ސަރުކާރާއެކު މަޝްވަރާ ކުރީ. އެކަމަކު އެކަމުގެ އެއްވެސް އަލިމަގެއް ނުފެނުނު. ދެން އަޅުގަނޑުމެން މަސައްކަތް ކުރީ ފެން ހިންދަން ޕަމްޕް ސްޓޭޝަން ބަހައްޓަން. އެކަމަކު އެކަމެއްވެސް އަޅުގަނޑުމެންނަކަށް ކާމިޔާބެއް ނުވި. އެހެންވެ ގިނަ ރައްޔިތުން އެބަ ބުނޭ އެ މަގުތަކުގެ ތާރު އެޅުމަށްވުރެ ނޭޅުންވެސް މާ ރަނގަޅޭ.” އޭނާ ވިދާޅުވި އެވެ.

ނައުޝާދު ވިދާޅުވީ ޒަމާނީ ފެންވަރަށް މަގުތަށް ހަދަން ނިންމާފައިވާއިރު ޕާކް ކުރާނެ އިންތިޒާމެއް ހަމަޖައްސާފައި ނުވާ ކަމަށާއި ޕާކް ކުރަން ކަނޑައެޅިފައިވާ ސަރަހައްދު ނޫން އެހެން ތަނެއްގައި ޕާކް ކޮށްފިނަމަ ސްޓިކާ ޖަހާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

އަދި ވިދާޅުވީ މިކަމަކީވެސް ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަކަށްވާތީ މިކަމުގެ ޝަކުވާވެސް ކައުންސިލަށް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ.

އެމްއާރުޑީސީން އޭދަފުށީ މަގުހެދުމުގެ މަސައްކަތް ކުރަނީ—އީޓީ ފޮޓޯ

އޭނާ ވިދާޅުވީ މި ޝަކުވާތަކުގެ ސަބަބުން ސަރުކާރުން މަގުތަށް ހަދަން ހަވާލުކޮށްފައިވާ އެމްއާރްޑީސީއާއި މަޝްވަރާ ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާ ކަމަށެވެ. އަދި އެ ރަށުގައި ގާއިމްކޮށްފައިހުރި އެމްއާރްޑީސީގެ އިދާރާއިން އެއްބާރުލުމެއް ނުދޭއިރު މާލޭގައި ހުންނަ އެތަނުގެ ހެޑް އޮފީހުންވެސް އެކަށީގެންވާ ޖަވާބެއް ނުދޭ ކަމަށެވެ.

މިކަމާ ގުޅިގެން އޭދަފުށީގައި ހުންނަ އެމްއާރްޑީސީގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ކައުންސިލަށް އެއްބާރުލުން ދޭ ކަމަށެވެ. އެހެން ނަމަވެސް މަގު ހެދުމުގެ މަޝްރޫއުގައި ކައުންސިލުން އެދޭ ހުރިހާ ކަމެއް ކޮށް ނުދެވެނީ އެ މަސައްކަތް ކުރުމަށް އެކަށީގެންވާ ތަކެއްޗާއި މުވައްޒަފުން ނެތުމުން ކަމަށެވެ. އަދި އެކަމަށް ތަކުރާރުކޮށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ވަރަށް ބޮޑަށް ޕްރެޝަރުކޮށްގެން ނޫނީ އެއްޗެއް ނުލިބޭ ކަމަށެވެ.

“އަޅުގަނޑުމެން ބޭނުންވޭ މަގުތަކުގެ މަޝްރޫއާއި ގުޅިގެން ކައުންސލުން ހިއްސާ ކުރާ ކަންކަން ކުރެވޭތޯ. އެކަމަކު ކިހިނެތްތޯ އެވަސީލަތް ނެތި އެކަމަށް އަޅުގަނޑުމެން އެއްބާރުލުން ދޭނީ؟ އެމަސައްކަތް ކުރުމަށް އެކަށީގެންވާ މުވައްޒަފުންނެތް ނެތް. އެކަށީގެންވާ ތަކެތި ފޯރުކޮށްދެނީވެސް ވަރަށް ބޮޑަށް ޕްރެޝަރުކޮށްގެން.” އޮފިޝަލް ވީނިއުސް އަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އޭދަފުށީ ރައްޔިތެއް.

    ކައުންސިލްގެ ރައީސް އަށް އުދަގުލެއް ނުވޭބާ ސައިކަލް ދުއްވާއިރު. ނޫނީ ވަޒީފާ ގެއްލިދާނެތީ ބިރުން ނުދައްކަން ހުންނަނީހެން މަށަށް ހީވަނީ. އުދަގޫވާ ވާހަކަދެއްކިޔަސް ކުރެވޭނެ ކަމެއްނެތް. މަގުތަކުގައާ އަތިރިމަތީ ފިހާރަތައް ކައިރީ ހޮޅުއަށި ހަދައިގެން ތިބޭތަން ވެސް ފެންނަ މީހަކު ނޫޅޭ. އެއްދުވަސްކޮޅު ހީވަނީ މަގުމަތީގަ ހުރިއެއްޗެތި ނުނެގިގެން ފަޔަށް ހިނިއަރައިގެން އުޅޭހެން. ފަޅުތެރޭގަވެސް ހަމައެއް ލަމައެއްނެތި ދޯނިތައްވެސް. މާލެއިން ދޯންޏެއް ، ރިސޯޓުން އެއްޗެއް އަޔަސް މީހުން ބާލަން މަޑުކޮށްލާނެ ތަނެއް ނެތް. ފެރީއަށް އަރާމީހުން ހިޔާވެލާނެ ތަނެއްނެތް. މަހިތަށްއަރާ ކޮންމެދުވަހަކު އޮފީހަށްގޮސް މިހުރިހާ ޝަކުވާ ކުރަންޖެހޭ ބާއޭ.. ނޫނީ ކައުންސިލަރުންގެ ޒިންމާއަކީ މީހަކު މައްސަލަ ޖެއްސީމަ އެކަންބަލަން ތިބޭ ބައެއްބާވައޭ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.