ގްރީން ދޫކޮށް ނިޒާމްބެ މާޒިޔާއަށް

ފާއިތުވި ސީޒަނުގައި ކުލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނު މިޑްފީލްޑަރު އަހުމަދު ނިޒާމް (ނިޒާމްބެ) ވަރުގަދަ މާޒިޔާއަށް ސޮއިކޮށްފިއެވެ.

ބ. އަތޮޅު ފެހެންދުއަށް ނިސްބަތްވާ ނިޒާމްބެ މާޒިޔާއަށް ސޮއިކުރީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

2009 ވަނަ އަހަރު ކުލަބް ރިވަސައިޑުން ކެރިއަރު ފެށި ނިޒާމްބެ ވަނީ އެފަހަރު ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިދީ، ދެވަނަ ޑިވިޝަނަށް ޕްތޮމޯޓު ކޮށްދީފައެވެ. އަދި މުބާރާތުގެ މޮޅުކުޅުންތެރިޔާގެ މަގާމުވެސް ވަނީ ހޯދާފައެވެ. ޖެހިގެންއައި އަހަރު ދެވަނަ ޑިވިޝަނުގައިވެސް އެޓީމަށް ކުޅެދިނުމަށްފަހު ސީޒަނުގެ ބާކީ ބައިގައި ނިޒާމްބެ ފެނިގެން ދިޔައީ އޭރުގެ ދިވެހި ފުޓުބޯޅައިގެ ގަދަ ބާރެއްކަމަށްވާ ވީބީ ސްޕޯޓްސް ކުލަބުންނެވެ.

ޖެހިގެންއައި 2011 ވަނަ އަހަރު ކުލަބް އީގަލްސް އަށް ކުޅުމަށްފަހު 2012 ގައި ނިޒާމްބެ ވަނީ އެނބުރި ވީބީ އަށް ބަދަލުވެފައެވެ. އެއަހަރު ނިޒާމްބެ ވަނީ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ވެސް ހިމެނި، އެއުމުރުފުރާގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފައެވެ. 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ނިޒާމްބެ ވަނީ 8 މެޗު ކުޅެ، 3 ގޯލު ޖަހައިދީފައެވެ.

2013 ވަނައަހަރު ފުޓުބޯޅަ ދަނޑުން ނުފެނުނު ނަމަވެސް 2014 ވަނަ އަހަރު ނިޒާމްބެ ވަނީ ޓީސީ ސްޕޯޓްސް ކުލަބާ ގުޅެ، އެޓީމާއެކު ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ޖެހިގެން އައި ދެއަހަރު ވެސް ފުރަތަމަ ޑިވިޝަނުގައި ޓީސީއާއެކު އޭނާވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

2017 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނުގައި ނިޒާމްބެ ވަނީ މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ގްރީން ސްޓްރީޓްސް އަށް ބަދަލުވެ، މުޅިން އަލަށް ސީނިއާ ގައުމީޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ވެސް ޖާގަ ހޯދާފައެވެ. ސީޒަންގެ މެދުތެރެއިން އަނިޔާގެ ސަބަބުން އެންމެ އެދެވޭ ކުޅުން ނުދެއްކުނު ނަމަވެސް ގްރީން އިން މާލޭ ލީގުގައި ހޯދި ކާމިޔާބީގައި ނިޒާމްބެ ވަނީ މޮޅު ކުޅުމެއް ދައްކާ، މުހިއްމު ގޯލުތަކެއް ވެސް ޖަހާދީފައެވެ. ގްރީން އިން ލީގުގެ ދެވަނަ ޔަގީންކުރީ، ލީގު ފަހު މެޗުގައި ނިޒާމްބެގެ ގޯލުން 1-0 އިން އީގަލްސް ބަލިކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.