އޭދަފުށީ ރަށު ކޯޓުގެ ޚިދުމަތް އަންނަ މަހުގެ ފަހުކޮޅު ދެވޭވަރު ވާނެ: ސީނިއަރ މެޖިސްޓްރޭޓް

ބ. އޭދަފުށީ ރަށު ކޯޓުގެ އާ ޢިމާރާތް.–ފޮޓޯ / ޖުޑީޝަލް އެފެއަރޒު ވެބް ސައިޓު

ބ. އޭދަފުށީގައި ޢިމާރާތް ކުރަމުން އަންނަ ރަށު ކޯޓުގެ މަސައްކަތް ނިމި، އަންނަ މަހުގެ ފަހުކޮޅު ރައްޔިތުންނަށް ޚިދުމަތް ދެވޭވަރު ވާނެ ކަމަށް ސީނިއަރ މެޖިސްޓްރޭޓް އަޙުމަދު ލަތީފު މިއަދު ވިދާޅު ވެއްޖެ އެވެ.

ސީނިއަރ މެޖިސްޓްރޭޓް ވިދާޅުވި ގޮތުގައި 04 ޖޫން 2008 ގައި “ޑެނިން ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ” ޙަވާލު ކުރެވުނު އޭދަފުށި ކޯޓުގެ މަސައްކަތް ނިންމުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 09 ޖުލައި 2009 ކަމުގައި ވިޔަސް، މިހާރު މަސައްކަތް ކުރަމުންދާ ހަލުވި މިނަށް ބަލާ ވަރަށް ބޮޑަށް ހިތް ހަމަ ޖެހޭ ކަމަށާއި ޢިމާރާތުގެ ޚިދުމަތް ރައްޔިތުންނަށް މިހާ އަވަހަށް ދެވޭ ގޮތް މެދުވެރި ވުމުގައި ކޮންޓްރެކްޓަރުންގެ މަސައްކަތުގެ ސްޕީޑް ފާހަގަ ކުރެވެ އެވެ.

“އެ މީހުން (ކޮންޓްރެކްޓަރުން) މަސައްކަތް ކުރަމުން އެ ދަނީ ވަރަށް ބާރަށް އިނގޭ ތޯ. އަސްލު މަސައްކަތް ނިންމަން ޖެހޭ ތާރީޚަކީ މި އަހަރު ޖުލައި މަހުގެ 09. އެކަމަކު މަސައްކަތުގެ ސްޕީޑް އަވަސް ވީމަ އެހާ ކުރިން މި ޢިމާރާތުގެ ބޭނުން ހިފެނީ މި. އެހެންވީމާ ކޮންޓްރެކްޓަރަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން މި ފުރުސަތުގައި،” މިއަދު ހެދުނު މާލޭގައި ހުންނަވާ ފޯނުން އީޓީ އަށް ދެއްވި އިންޓަރވިއުގައި ލަތީފު ވިދާޅުވި އެވެ.

އާ ކޯޓުގެ މަސައްކަތް ހިނގަމުންދާ ސަރަޙައްދުގައި ހުންނަވައިގެން އޭދަފުށި ކޯޓު ހިންގެވުމާ މި ވަގުތު ޙަވާލުވެ ހުންނެވި މާޅޮހު ސީނިއަރ މެޖިސްޓްރޭޓް ޙުސައިން ޢަބްދުއްރަޙްމާން މިއަދު ވިދާޅުވީ “ގާތްގަޑަކަށް މަސައްކަތް ވަނީ ނިމިފައި” ކަމަށާއި “މިހާރު ކުރިއަށް ދަނީ ތަންތަން ސާފު ކުރުމުގެ މަސައްކަތް” ކަމަށެވެ.

މި ޢިމާރާތުގެ ޚިދުމަތް ލިބެން ފެށުމުން ކޯޓުގެ މަސައްކަތަށް އިތުރު ހަލުވި ކަމެއް އައިސް މައްސަލަތައް ނިންމުމުގައި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ އެވެ.

އޭދަފުށީ ރަށު ކޯޓުގެ އާ ޢިމާރާތަކީ 2 ބުރީގެ ޢިމާރާތެކެވެ. މި ޢިމާރާތުގެ ތިރީ ބައިގައި 2 މެޖިސްޓްރޭޓުންނަށް މަސައްކަތް ކުރެވޭ ގޮތަށް 2 ކޯޓު ރޫމާއި، މެޖިސްޓްރޭޓުން ދިރާސާ ކުރުމަށް 2 ކޮޓަރި އާއި މީހުން މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދަކާއި މުއައްޒަފުން ތިބޭނެ ބަޔަކާއި ބަންދު މީހުން ބައިތިއްބާނެ ތަނެއްގެ އިތުރުން ވަކީލުންނާއި ފުލުހުން މަޑުކޮށްލުމަށް ޚާއްސަ ސަރަހައްދަކާއި ސައިކޮޓަރިއެއް ހިމެނެ އެވެ. އަދި ދެވަނަ ބުރީގައި ޖަލްސާ ކުރާނެ މާލަމަކާއި ސްޓޯރު ރޫމެއްގެ އިތުރުން ޢަރުޝީފެއް ވެސް ހިމެނެ އެވެ.

— މުޙައްމަދު އަފްރާޙް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.