ތައުލީމީ މަރުކަޒުގައި މި އަހަރު ވެސް ކިޔަވައިދޭނީ ދެ ދަންފަޅިއަށް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާހެއްގައި މިދިޔަ އަހަރު ކިޔަވައިދެނީ– ފައިލް ފޮޓޯ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އާ އިމާރާތް ނިމުމުން ގިނަ ބަޔަކު އުއްމީދު ކުރަމުން އައީ އެ ސްކޫލުގެ ކިޔެވުން މިއަހަރު އެއް ދަންފަޅިއަށް ބަދަލު ކުރާނެ ކަމަށެވެ. އަދި އެ ސްކޫލުން ވެސް ކުރިން ބުނަމުން އައީ އާ އިމާރާތް ބޭނުން ކުރަން ފެށުމާއެކު ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުވާނެ ކަމަށެވެ.

ނަމަވެސް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި އެ ސްކޫލުގައި މި އަހަރު ވެސް ކިޔަވައިދޭނީ މިދިޔަ އަހަރު ތަކެކޭ އެއްގޮތަށް ދެ ދަންފަޅި އަށެވެ.

ސްކޫލުގެ ގޯތިތެރޭގައި ހެދި އާ އިމާރާތުގެ މަސައްކަތް ނިމި، މިދިޔަ މަހު އެ އިމާރާތް ވަނީ ސްކޫލާ ހަވާލުކޮށްފަ އެވެ. އަދި އާ އިމާރާތުގައި، ދިރާސީ އާ އަހަރަކާ އެކު ކިޔަވައިދޭން ފަށާނެ އެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި އެއް ދަންފަޅިއަށް ސްކޫލުގެ ކިޔެވުން ބަދަލުކުރަން މިނިސްޓްރީން ހުއްދަ ނުދޭ ކަމަށްވެ އެވެ.

މާރިސް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 2016 ގައި އިމާރާތް ކުރަން ފެށި 4 ބުރީގެ މި އިމާރާތުގައި 12 ކްލާސް ރޫމް ހުރެ އެވެ. އެ އިމާރާތުގެ މަސައްކަަތަށް 9 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. މިއީ ވޯލްޑް ބޭންކާއި ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ދިހަ ދުވަހަށް ވެފައިވާ އިރު އެ ސްކޫލުން އަންނަނީ ބައެއް ތަންތަން މަރާމާތުކޮށް އިމާރާތުގެ ކުލަ އާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސްކޫލުގެ ހުޅުވެން ވާއިރަށް އެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

މި އަހަރުގެ ކިޔެވުން ފެށޭނީ މި މަހު 14ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.