ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނީ މޭ 7ގެ ފަހުން: މިނިސްޓްރީ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސް ރޫމެއްގަިއ ދަރިވަރުންތަކެއް ހަރަކާތްތެރިވަނީ. މޭ 7 ގެ ފަހުން ސްކޫލުތަކުގައި ކިޔަވައިދޭނީ ޓެބްލެޓް ބޭނުންކޮށްގެން

މި އަހަރުގެ މޭ 7 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ޓެބްލެޓް ބޭނުންކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ފަށާ ދިރާސީ އަހަރާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވެފައިވާ ތައްޔާރީތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، ސްކޫލްތައް ޑިޖިޓައިޒް ކުރަން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން ސްކޫލުތައް ވައިފައި ކުރުން ކުރިއަށް ގެންދާއިރު، މި އަހަރުގެ މޭ މަހު އެކަން ނިންމައި ޓެބްލެޓް ބޭނުންކުރަން ފަށާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓެބްލެޓް ބޭނުންކުރަން ފެށޫމުގެ ކުރިން ސްކޫލުތައް ވައިފައި ކުރުން ދިރާގުގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ ކަމަށެވެ.

“ރާއްޖޭގެ އެންމެ އާބާދީ ކުޑަ ސްކޫލަށް ވެސް މޭ ހަތެއްގެ ކުރިން ވައިފައި ގުޅައި، ޓެބްލެޓް ބޭނުންކުރާނެ،” މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލްތައް ޑިޖިޓަލް ކުރުމުން، ދަރިވަރުންނަށް މާއްދާތަކާ ގުޅޭ އިތުރު މައުލޫމާތުތައް ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ސްކޫލްތައް ޑިޖިޓަލް ކުރި ކަމުގައި ވިޔަސް އަދި ޓެބްލެޓް ބޭނުންކުރާނީ ވަކި މާއްދާތަކަށް ކަމަށާއި ފޮތްތައް ވެސް ބޭނުންކުރާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ، މިއަހަރު ސުލޫކުތަކުގެ ކޮންމެ ދަރިވަރެއްގެ އަތުގައި އަދި ޓީޗަރެއްގެ އަތުގައިވެސް ޓެބްލެޓެއް އޮންނާނެ ކަމަށާއި ނަމަވެސް އެއްފަހަރާ ދަރިވަރުންނަށް ޓެބްލެޓް ދޫނުކުރާނެ ކަމަށެވެ.

އަދި ފުރަތަމަ މަރުހަލާއަކީ އެއަށް ފަރިތަކޮށް ދަސްކޮށްދިނުން ކަމަށާއި އެކަން ސުކޫލުތަކުގެ ތެރެއިން ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން އިންތިޒާމް ކުރެވިފައިވަނީ ފަސްޓް ޓާމް ތެރޭގައި ކަމަށް ޝަފީއު ވިދާޅުވި އެވެ.

“ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް ފުރަތަމަ މަރުހަލާގައި ދޭން ޖެހޭ ހުރިހާ ތަމްރީނެއް ވަނީ ދީ ނިމިފައި، މިއަހަރު ކިޔެވުން ފެށިގެންދާއިރުވެސް އޭގެ ތަމްރީނުތައް ކުރިއަށްދާނެ،” ޝަފީއު ވިދާޅުވި އެވެ.

ދަރިވަރުންނަށާއި ޓީޗަރުންނަށް ބޭނުންވާ 70،000 އަށް ވުރެ ގިނަ ޓެބްލެޓް ގަންނަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.