ރާ އެތެރެކުރުމަށް ރޯޔަލްއަށް ދިން ހުއްދަ ހިފަހައްޓައިފި

ވިލާ ގްރޫޕުން ބ. އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓަށް ރަލާއި ބަނގުރާ އެތެރެކުރުމަށް ސަރުކާރުން ދީފައިވާ ހުއްދަ އިކޮނޮމިކް މިނިސްޓްރީން މިއަދު ހިފަހައްޓައިފި އެވެ.

ރޯޔަލް އައިލެންޑް ރިސޯޓު ހިންގާ އައިލެންޑް ޓްރެވެލް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަދި ވިލާގެ ޗެއާމަން ގާސިމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ، ރަލާއި އޫރުމަސް އެތެރެކުރުމަށް އެ ކުންފުންޏަށް ދީފައިވާ ހުއްދަ ބޭނުންކޮށްގެން، “ބަނގުރަލާއި އޫރުމަހުގެ ގަވައިދު” 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާފައިވާކަން، ބަލައި ފާސްކުރުން ފާހަގަވެފައިވާ ކަމަށެވެ.

އެހެންވެ ރަލާއި ބަނގުރާ އެތެރެކުރުމަށް ރޯޔަލް އައިލެންޑް ރިސޯޓަށް ދީފައިވާ ހުއްދަ މިއަދުން ފެށިގެން ހަ މަސް ދުވަހަށް ހިފަހައްޓާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ ހިފެހެއްޓިއިރު، ގާސިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ދަށުން ހިންގާ ސަން އައިލެންޑް ރިސޯޓާއި ޕެރެޑައިސް އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓް އަދި ފަން އައިލެންޑް ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ވަނީ ބާތިލްކޮށްފަ އެވެ.

ރޯޔަލް އައިލެންޑަށް ރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ ހިފެހެއްޓުމާއެކު، ގާސިމްގެ އެއްވެސް ރިސޯޓަކަށް އެ ތަކެތި އެތެރެކޮށް ވިއްކުން ހުއްޓުމަކަށް އައީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.