އޯލެވެލްގައި ބ. އަތޮޅު ސްކޫލުތަކުން ބޮޑު ކާމިޔާބީއެއް

މިދިޔަ އަހަރުގެ ކެމްބްރިޖް ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި ބ. އަތޮޅު ސްކޫލުތަކުން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް އެ ސްކޫލްތަކުން ބުނެފިއެވެ.

ބ. އަތޮޅުގެ 11 ސްކޫލުން އޯލެވެލް އިމްތިހާނުގައި ބައިވެރިވި އިރު، އެ ހުރިހާ ސްކޫލަކުން ވެސް އޭގެ ތެރެއިން 60 ޕަސެންޓަށް ވުރެ ގިނަ ކުދިން ވަނީ ފަސް މާއްދާ އަށް ވުރެ އިތުރަށް ފާސްވެފަ އެވެ. އެގޮތުން މިއަހަރު އެންމެ ބޮޑު ކާމިޔާބީ ހޯދި މިއަތޮޅު ސްކޫލުތަކުގެ ތެރޭގައި ހިތާދޫ ސްކޫލާއި ދޮންފަނު ސްކޫލު އަދި އަތޮޅު ތައުލީމީ މަރުކަޒު ހިމެނެ އެވެ.

ހިތާދޫ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ހަފީޒު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާ އަކީ، އެ ސްކޫލުން މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާ އެވެ. އެގޮތުން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އިންސައްތައަކީ %87 އެވެ. އަދި ސްޓްރީމް މާއްދާތަކުގެ އިތުރުން ދިވެހި މާއްދާއިން އެ ސްކޫލުގެ ދަރިވަރުން 100 ޕަސެންޓް ވަނީ ހާސިލުކޮށްފަ އެވެ.

ހިތާދޫ ސްކޫލުގެ އޯލެވެލް ނަތީޖާ

ފެށުނީއްސުރެ އޯލެވެލް އިމްތިހާނުން ރަން ވަނަތައް ހޯދަމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އެ ސްކޫލަށް މިއަހަރަކީ ވެސް އޯލެވެލް ނަތީޖާގައި ރެކޯޑް އަހަރެކެވެ.

މިދިޔަ އަހަރު އެ ސްކޫލުން 53 ކުދިން އޯލެވެލްގައި ބައިވެރިވި އިރު އޭގެ ތެރެއިން 85 ޕަސެންޓް ކުދިން ވަނީ ފަސް މާއްދާ އަށް ވުރެ އިތުރަށް ފާސްވެފަ އެވެ. މިއީ ކުރީ އަހަރަށްވުރެ 7 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އޭ ޕްލަސް އިން ފެށިގެން ސީ ގްރޭޑް ހޯދި ދަރިވަރުންގެ އަދަދު އިތުރުވެފައިވާއިރު ޔޫ ގްރޭޑް ނުވަތަ އެއްވެސް މާއްދާއަކުން ފާސްނުވާ ދަރިވަރުންގެ އަދަދު ވަނީ ދަށްވެފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އޯލެވެލް ނަތީޖާ

ވަކިވަކި ނަތީޖާ ތަކަށް ބަލާއިރު ކެމިސްޓްރީ، ކޮމްޕިއުޓާ ސައިންސް އަދި ބިޒިންސް ސްޓަޑިޒް އިން އެ ސްކޫލުގެ ދަރިވަރުންވަނީ 100 ޕަސެންޓް ފާސްވެފަ އެވެ. އަދި އިކޮނޮމިކްސް ނޫން ހުރިހާ މާއްދާއަކުން ދަރިވަރުން ފާސްވި ނިސްބަތް އެހެން އަހަރުތަކަށް ވުރެ މައްޗެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ހިމެނޭ އިނގިރޭސި އާއި ހިސާބާއި އަދި ދިވެހި މާއްދާއިން ފާސްވި ނިސްބަތް ވެސް ކުރީ އަހަރުތަކަށް ވުރެ މައްޗެވެ. އިސްލާމް މާއްދާގެ ނަތީޖާ އެއްވަރެއްގަިއ ހިފެހެއްޓިފައިވާއިރު ދިވެހިން މާއްދާއިން މިއަހަރު ވަނީ 98 ޕަސެންޓް ހާސިލުކޮށްފަ އެވެ.

ބ. އަތޮޅު ސްކޫލުތަކުގެ ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މި ކާމިޔާބީގެ ސިއްރަކީ ޓީޗަރުންކޮށްދެއްވާ ބުރަ މަސައްކަތް ދަރިވަރުންނާ ބެލެނިވެރިން ހެޔޮހިތުން ބަލައިގަތުމެވެ. އަދި ޓީޗަރުންނަށް މިނިވަންކަމާއި ހިތްހަމަޖެހުމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮތުން ކަމަށްވެސް އެ ސްކޫލުތަކުން ބުނެ އެވެ.

އޯލެވެލް އަށް ތައްޔާރުވުމަށް މިއަތޮޅު ސްކޫލުތަކުން ކޮންމެ އަހަރަކުވެސް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.