ކޮންޑެނާސްޓް ގޯލްޑް ލިސްޓްގައި ވޯވަށް ވެސް ހިމެނިއްޖެ

ވޯވަށް ޕްރައިވެޓް އައިލެންޑް

އެމެރިކާގެ މަޝްހޫރު ޓްރެވަލް މަޖައްލާއެއް ކަމަށްވާ ކޮންޑެނާސްޓް ޓްރެވަލަސްގެ މިއަަހަރުގެ ގޯލްޑް ލިސްޓްގައި ފޯސީޒަނުން ބ. އަތޮޅުގައި ހިންގާ ޕްރައިވެޓް އައިލެންޑް ރިސޯޓް ވޯވަށް ވެސް ހިމެނިއްޖެ އެވެ.

ކޮންމެ އަހަރަކު ކޮންޑެނާސްޓް އިން ނެރޭ ގޯލްޑް ލިސްޓަކީ ދުނިޔޭގެ އެންމެ ރަނގަޅު ހޮޓެލްތައް ހިމަނައިގެން ނެރޭ ލިސްޓެކެވެ. މި ލިސްޓްގައި މިއަތޮޅު ސޮނެވާފުށި ރިސޯޓް ވެސް ވަނީ ހިމެނިފަ އެވެ.

ފޯ ސީޒަންސް އިން ބ. އަތޮޅުގައި ހިންގާ ލަނޑާގިރާވަރު ރިސޯޓުން ގާތްގަނޑަކަށް 20 މިނިޓުން ދެވޭ ވޯވަށް ހުޅުވީ 2016 ވަނަ އަހަރު ފަހުކޮޅު އެވެ.

ވޯވަށް ޕްރައިވެޓް އައިލެންޑް

ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ވޯވަށުގައި ހުންނަނީ އެންމެ ހަތް ކޮޓަރި އެވެ. މީގެ އިތުރުން، ގިނަވެގެން ފަހަރަކު 22 ޓޫރިސްޓުންނަށް ތިބެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި ރަށުގައި ދެ ބުރީގެ ބީޗް ހައުސްއެއް ހުރެ އެވެ. އެ ތަނުގައި ކާ ތަނަކާއި ނިދާ ކޮޓަރިއަކާއި ސްވިމިން ޕޫލަކާއި ލައިބްރަރީއެއް އަދި ޖިމެއް ހުރެ އެވެ.

މި ރަށުގައި ސްޕާއަކާއި ޔޯގާ އަދި މެޑިޓޭޝަން ފަދަ ކަންކަން ކުރެވޭނެ ތަނެއް ވެސް ވަނީ ތަރައްގީ ކޮށްފަ އެވެ. އަދި އިސްތަށިގަނޑުގައި ބޭނުންކުރާ ތަކެތި އުފައްދާ އިޓަލީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޮސާނޯ ފެރޭޓީގެ ތަޖުރިބާކާރަކު ވެސް ގެސްޓުންގެ ހިދުމަތުގައި ހަރަކާތްތެރިވެ އެވެ.

ގާތްގަނޑަކަށް ފަސް ހެކްޓަރުގެ ވޯވަށް ތަރައްގީކޮށްފައިވަނީ ސަލާމަތީ ގޮތުން ވެސް ގިނަ ފިޔަވަޅުތަކެއް ހިމަނައިގެންނެވެ. އެ ގޮތުން، އެންމެ ކޮޅަކުން އެ ރަށަށް ދެވޭ ގޮތަށް ހަދާފައިވާ އިރު، ރަށުގެ އެކި ހިސާބުތަކުގައި ސީސީޓީވީ ކެމެރާގެ އިތުރުން ނައިޓް ވިޝަން ކެމެރާ ވެސް ވަނީ ހަރުކޮށްފަ އެވެ. އަދި 24 ގަޑިއިރު ސެކިއުރިޓީން ރަށު ތެރޭގައި ހަރަކާތްތެރިވާނެ އެވެ.

ކޮންޑެ ނާސްޓް ގޯލްޑް ލިސްތްގައި ވޯވަށް ހިމެނުނުއިރު، އެރަށް ވަނީ މި ދިޔަ އަހަރު އެ މަޖައްލާ އިން ހޮވި އެންމެ ހިތްގައިމު ހޮޓެލް ލިސްޓުގައި ވެސް ހިމެނިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.