ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ފުރަތަމަ ފަހަރަށް ރާއްޖެ އިން ބޭރުގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ މިއަދު ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ ރާއްޖެ އިން ބޭރަށް އެ ބޭންކުގެ ހިދުމަތް ފުޅާކުރުމަކީ ގިނަ ފައިދާތަކެއް ހޯދައި، ރާއްޖޭގައި އިންވެސްޓްކުރަން އިތުރު އާމްދަނީ ވެސް ލިބޭނެ ކަމެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ހީލީ ވިދާޅުވީ އެ ބޭންކުން މަސައްކަތް ކުރަމުން އަންނަނީ އޭޝިއާގެ ގައުމެއްގައި އެ ބޭންކްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ލައިސަންސަށް އެދި ހުށެހެޅުމަށް ކަމަށާއި މި އަހަރުގެ ނިމުމުގެ ކުރިން ހިދުމަތް ދޭން ފެށުމަކީ ބޭންކްގެ އުންމީދެއް ކަމުގައިވެސް ހީލީ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސް އިން ބްރާންޗެއް ހުޅުވަން އުޅެނީ ކޮން ގައުމެއްގައިކަން ބީއެމްއެލް އިން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް ދުވަސް އަށް މައުލޫމާތު ލިބިފައިވާގޮތުގައި ބީއެމްއެލް އިން ބްރާންޗެއް ހުޅުވަން އުޅެނީ، ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ސްރީލަންކާގެ ކޮލޮމްބޯގައި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 33 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 92 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ހާމަކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.