މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދިރާގުގެ ފައިދާ 234 މިލިއަން ރުފިޔާއަށް އަރައިފިއެވެ. އޭގެ ކުރީ ކުއާޓަރުގެ ފައިދާއަށް ލިބުނީ 210.5 މިލިއަން ރުފިޔާއެވެ.
މިދިޔަ ކުއާޓަރުގައި، ދިރާގުގެ އާމްދަނީ އުޅެނީ 698 މިލިއަން ރުފިޔާގައެވެ.
މިދިޔަ ކުއާޓަރުގައި، ޓެކްސްގެ ގޮތުގައި ދިރާގުން 43.5 މިލިއަން ރުފިޔާ ދެއްކިއެވެ.
ދިރާގުގެ 52 އިންސައްތަ ހިއްސާ ތަމްސީލުކުރަނީ ބަހުރެއިންގެ ބަޓެލްކޯ އިންނެވެ. ސަރުކާރުގެ 41.8 އިންސައްތަ ހިއްސާ އޮންނައިރު އާންމުންގެ 6.2 އިންސައްތަ ހިއްސާ އޮވެއެވެ.
ދިރާގުން ބުނި ގޮތުގައި ފާއިތުވި ކުއާޓަރަކީ ކާމިޔާބު ކުއާޓަރެކެވެ. މިދިޔަ ކުއާޓަރުގައި ދިރާގުން ވަނީ އެކުންފުނީގެ ހިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެ ގޮތުން ދިރާގުން ވަނީ “މަމެން” ގެ ނަމުގައި އެޕްލިކޭޝަނެއް ލޯންޗްކޮށްފައެވެ. އޭގެ އިތުރުން ދިރާގުގެ ޑިޖިޓަލް ވޮލެޓް “ދިރާގު ޕޭ” ވަނީ ތައާރަފުކޮށްފައެވެ. އަދި ދިރާގުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް ވަނީ ބަދަލު ގެނެސްފައެވެ.