‘ލައިފްސްޓައިލް ލޯން’ ގެ ނަމުގައި ބީއެމްއެލް އިން އާ ލޯނެއް ތައާރަފްކޮށްފި

ގޭގެ އޯނަރުންނަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން “ލައިފް ސްޓައިލް ލޯނު” މިއަދު ތައާރަފުކޮށްފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި “ލައިފް ސްޓައިލް ލޯނު” ފަރުމާކޮށްފައިވަނީ ގެދޮރުވެރިންނަށް އަމިއްލަ ގެދޮރު ރަހުނު ކުރުމަށްފަހު ލުއި ފަސޭހަކަމާއެކު 500،000 ރުފިޔާ އާ ހަމައަށް ލޯނު ލިބޭނެ ގޮތަށެވެ.

މި ލޯނު މެދުވެރިކޮށް އަމިއްލަ ބޭނުންތަކަށާއި ވިޔަފާރި ބޭނުންތަކަށް ފައިނޭންސް ކުރެވޭނެ އެވެ. މި ގޮތުން ގެއަށް ބޭނުންވާ ފަރުނީޗަރު ނުވަތަ އިލެކްޓްރޯނިކް ސާމާނު ހޯދުމަށާއި ކުދިންނަށް ތައުލީމް ހާސިލްކޮށްދިނުމަށާއި ވިޔަފާރިއަށް ކުއްލިއަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް މި ލޯނު ބޭނުންކުރެވޭނެއެވެ. މި ލޯނު ދޫކުރާނީ ކަސްޓަމަރުގެ އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހުގަ އެވެ.

“އަހަރެންގެ ބޭންކް- ދިވެހިންގެ ބޭންކް” ގެ ދަށުން މި މަހު ކުރިއަށް ގެންދާ 28 ހަރަކާތުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުން ތައާރަފުކުރި މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓެވެ. އަދި ލޯނު ދޫކުރާ އެންމެ ދިގު މުއްދަތަކީ ތިން އަހަރެވެ.

ބީއެމްއެލްގެ ޑައިރެކްޓަރު އޮފް ބިޒްނަސް ކުލްދިޕް ޕަލިވާލް ވިދާޅުވީ ލައިފްސްޓައިލް ލޯނަކީ ފަސޭހަކަމާއެކު ކްރެޑިޓެއް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވަރަށް އެކަށޭނެ ލޯނެއް ކަމަށެވެ.
“ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަަކަށް އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހު ފަސޭހަކަމާ އެކު 500،000 ރުފިޔާ އާ ހަމަޔަށް ދޫކުރެވޭ ލޯނަކަށް ވުމާއެކު، މިއީ އެ ކަސްޓަމަރުންގެ މެދުގައި މަގްބޫލް ލޯނަކަށް ވެގެންދާނެ. މިލޯނާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ކޮންމެ ބްރާންޗަކުން،” ކުލްދިފް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.