ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިތުރު ހިދުމަތްތަކެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކާޑު ހެއްދުމާއި ލޯނަށް އެދި ހުށަހެޅުން ފަދަ އިތުރު ހިދުމަތްތައް ލިބޭގޮތް ހަދައިފި އެވެ.

މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެ ބޭންކުން ފަށާފައިވާ “އަހަރެންގެ ބޭންކް” ޕްރޮގްރާމްގެ ދަށުން އިންޓަނެޓް ބޭންކިން އަށް ގެނައި ބަދަލުތައް ތައާރަފްކުރީ މިއަދު ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ.

ޝަރީފް ވިދާޅުވީ، މިއަދުން ފެށިގެން ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދެވޭނެ ކަމަށެވެ. އަދި އެކައުންޓް ހުޅުވުމާއި މައުލޫމާތު ފޯމް ވެސް ހުށަހެޅޭ ގޮތް ވަނީ ހަދައިފަ އެވެ. މީގެ އިތުރުން ލުއި ލޯނު ފަދަ ހިދުމަތްތައް ވެސް އޮންލައިން ކޮށް ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބޭންކުން ކަސްޓަމަރުން ހޯދާފައިވާ ހިދުމަތްތަކުގެ 90 ޕަސެންޓް މިހާރު ވެސް ހިއްސާ ކުރަނީ އޮންލައިން ހިދުމަތްތަކުން ކަމަށެވެ.

އިންޓަނެޓް ބޭންކިން އިން އަލަށް ދޭން ފެށި ހިދުމަތްތައް ބޭނުން ކުރެވޭނީ، ބީއެމްއެލް އޮންލައިން ބޭންކިން އަށް ވަނުމަށް ފަހު “ސާވިސް” އަށް ގޮސް ބޭނުންވާ ހިދުމަތެއް ނެގުމުންނެވެ.

ބޭންކަށް ގޮސް ހިދުމަތް ހޯދަންޖެހޭ މިންވަރު މަދު ކުރުމަށް ބީއެމްއެލް އިން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އޮންލައިން ބޭންކިން ހިދުމަތުގެ އިތުރުން ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ބަހައްޓަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.