ފެނުގެ މަޝްރޫއުގެ މައި ހޮޅިތައް އަޅައި ނިންމައިފި

އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން މައި ހޮޅި ވަޅުމުގެ މަސައްކަތް ކުރަނީ. ފައިލް ފޮޓޯ

ސަރުކާރުން ހަރަދުކޮށްގެން އޭދަފުށީގައި ގާއިމުކުރާ ސާފު ބޯފެނުގެ ނިޒާމުގެ މައި ހޮޅި ލައިން އަޅާ ނިމިފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރަށުތެރޭގައި ވަޅުލާ މައި ފެންހޮޅި އަޅައި ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މައި ހޮޅި ލައިނާ އެއްހޮޅި އަނެއް ހޮޅި ގުޅޭ ޖަންގްޝަންތައް ހަދައި، ފެނުގެ ޕްރެޝަރު ޗެކްކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮލާލު ވިދާޅުވީ އަންނަމަހު ކުރީކޮޅު ގޭގެއަށް ކަނެކްޝަންތައް ގުޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ފެނުގެ މަޝްރޫއުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް އާ އެވެ. އެ ކުންފުނިން މި މަޝްރުއުގެ އަމަލީ މަސައްކަތްފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދިނީ ހަ މަސްދުވަހެވެ.

74.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން މިރަށުގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކޮށް، 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ.

އަދި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭއިރު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ހިދުމަތް ގުޅާ ދެވޭނެކަމަށް އޭދަފުށީ ކައުންސިލުން ބުންޏެވެ. އެގޮތުން 500 އެއްހާ ފަރާތުން ފެނުގެ ޚިދުމަތަށް ރަޖިސްޓްރީވެފައިވާ ކަމަށްވެސް ރަށު ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.