ކިހާދު މޯލްޑިވްސް އަތުން 3-1 އިން މޮޅުވެ ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސޮނެވާފުށި ރިސޯޓް އެންޑް ސްޕާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިދިޔަ އަހަރު އޮތް ރިސޯޓް މުބާރާތް ކާމިޔާބުކުރި ސޮނެވާ އަށް މިއަދުގެ މެޗުގެ ދިހަ ވަނަ މިނިޓުގައި ލީޑު ހޯދައިދިނީ އަލީ ޒުބައިރު އެވެ. އަދި މެޗުގެ 22 ވަނަ މިނިޓުގައި އިބްރާހިމް މާޖިދު ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. އަދި މެޗުގެ 52 ވަނަ މިނިޓުގައި ސޮނެވާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ބައްސާމު އެވެ. މި މެޗުގެ ފަހުކޮޅު ކިހާދު އަށް ލިބުނު ޕެނަލްޓީ ހަސަން ނިމާޒު ޖެހުމުން ސޮނެވާގެ ގޯލް ކީޕަރު އަފްޒަލް އިބްރާހިމްވަނީ ދިފާއުކޮށްފަ އެވެ.
ކިހާދު އިން ސުން ކަނޑުވާލީ މެޗު 70 ވަނަ މިނިޓްގައި އަލީ މުޚްތާރު ޖަހައިދިން ލަނޑުންނެވެ. މެޗުން ނިމެން ކައިރިވެފައި ވަނިކޮށް ސޮނެވާގެ ކީޕަރަށާއި އެ ޓީމުގެ ފޯވާޑް އަލީ ޒުބައިރު އަށް ރީދޫ ކާޑު ދެއްކި އެވެ. އަދި މި މެޗުގެ މޭން އޮފް ދި މެޗުގެ މަގާމު ލިބިފައިވަނީ ސޮނެވާ ޓީމުގެ އަލީ ޒުބައިރަށެވެ.
މި މުބާރާތުގެ ގުރޫޕް ދޭއްގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ލަނޑާގިރާވަރު އާއި އަނަންތަރާ ކިހަވައް ވިލާސް އެވެ.
މުބާރާތުގެ ސެމީ ފައިނަލަށް މެޗުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ.