ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި އޭނާ އަތުލައިގެންފައިވަނީ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތަކާއި ގުޅިގެން، އޭދަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، ފެބްރުއަރީ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. މަސްތުވާތަކެތީގެ މައްސަލަތުގައި މިފަހަކަށް އައިސް އޭދަފުށިން ހައްޔަރުކުރަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.