
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގަމުންދާ ‘އަހަރެންގެ ބޭންކް’ ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ފޯރުކޮށްދީފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އެ ބޭންކަށް ހާއްސަ އެވޯޑެއް ލިބިއްޖެއެވެ.
“އެވޯޑް ފޯ އިންވެސްޓްމަންޓް އިން ކޮމިއުނިޓީސް” އެވޯޑް އެ ބޭންކަށް ދީފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓްގައި ރޭ ބޭއްވި ގޯލްޑް 100 ގާލާ އިވެންޓްގަ އެވެ.
އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލް ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މުޖުތަމައަށް އެހީ ފޯރުކޮށްދިނުމުގެ ރޮނގުން ބޭންކުން ކުރަމުންދާ މަސައްކަތް ފާހަގަކުރެވިގެންދާކަމީ އލިބޭ ވަރަށް ހާއްސަ އުފަލެއް ކަމަށެވެ.

“އަޅުގަނޑުމެންގެ ހިތުގައި ވަރަށް އިސްކަމެއްދީފައިވާ ދާއިރާއެއްކަމަށްވާ މުޖުތަމައަށް އެހީ ފޯރުކޮށްދިނުމުގެ ރޮނގުން ބޭންކުން ކުރަމުންދާ މަސައްކަތްފާހަގަކުރެވިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ހާއްސަ އުފަލެއް. އަހަރެންގެ ބޭންކް ޕްރޮގްރާމް އިން ދައްކުވައިދެނީ އަޅުގަނޑުމެން ޚިދުމަތްފޯރުކޮށްދެމުންދާ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުޅާދާއިރާއެއްގައި ކުރަމުންދާ އިންވެސްޓްމަންޓްތަކާއި ހިލޭ އެހީއާއި ހިންގާ އެކި ހަރަކާތްތައް. މި ފުރުސަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކޮށް ތަރައްޤީކުރުމަށް ދަރުމަވެރި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ބޭންކުގެ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން.” އެންޑްރޫ ހީލީ ވިދާޅުވި އެވެ.
ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބީއެމްއެލް އިން ބުނީ “އަހަރެންގެ ބޭންކް” ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް “އަހަރެންގެ ބޭންކް”ގެ ނަމުގައި ހިންގި ކެމްޕޭންގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.
